ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެއްސީގެ) މެންބަރުން ގަވާއިދާއި ހިލާފަށް ކޮމެޓީ އެލަވަންސުގެ ގޮތުގައި ނަގާފައިވާ 1.03 މިލިއަން ރުފިޔާ އަނބުރާ ދައުލަތުގެ މާލިއްޔަތަށް ދައްކަން ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިހާރު ވަނީ އެކަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އަންގާފަ އެވެ. އެ ފައިސާއަކީ ގަވާއިދާއި ހިލާފަށް ނަގާފައިވާ ފައިސާއެއްކަން ހާމަވެފައިވަނީ އެ ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގަ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގައި ޖޭއެއްސީގެ އޮޑިޓް ރިޕޯޓާ މެދު ވާހަކަފުޅު ދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ ފައިސާއަކީ ނެގޭނެ ފައިސާއެއް ކަމަށް ބުނެ ޖޭއެއްސީން ވަރަށް ދިގު ގާނޫނީ ޖަވާބެއް ދެއްވާފައި އޮތް ނަމަވެސް އޮޑިޓާ ޖެނެރަލްގެ ރައުޔަށް އިހުތިރާމް ކުރުމުގެ ގޮތުން ކޮމެޓީ އެލަވަންސަށް ނެގި ފައިސާ ދައުލަތަށް ޖަމާކުރަން އެ ކޮމިޝަންގެ ޖަލްސާއަކުން ފާސްކޮށް އެކަން އަންގާފައިވާ ކަމަށެވެ.

އެ ފައިސާ އަބުރާ ދެއްކުމަށް ކޮމިޝަނުން ފާސްކޮށްފައި ވަނީ ކޮންމެ މެންބަރަކު ވެސް މަހަކު 5000ރ. ދައްކާ ހަލާސްކުރާ ގޮތަށެވެ.

"އެބޭފުޅުން ފޮނުއްވާފައި އެބައޮވޭ ގާނޫނީ ލަފަޔަކަށް ވެސް ފެތޭ ވަރަށް ދިގު ރައުޔެއް އެ ފައިސާ ނެގޭނެ ކަމަށް ބުނެ، މީގެން ގާނޫނީ ވަރަށް ގިނަ ސުވާލުތަކެއް ވެސް އެބަ ސާފުވޭ، އެކަމަކު އެބޭފުޅުން ނިންމާލަމުން ވިދާޅުވެފައި އޮންނަނީ އޮޑިޓާ ޖެނެރަލްގެ ލަފަޔަށް އިހުތިރާމު ކުރުމުގެ ގޮތުން އެ ފައިސާ ރައްދުކުރަން އެ ކޮމިޝަންގެ ބައްދަލުވުމަކުން ފާސްކޮށް އެގޮތަށް އެކަން ކުރަން ނިންމާފައިވާ ކަމަށް. އެގޮތުން މަހަކު 5000ރ. ނޫނީ އެއްކޮށްވެސް ދެއްކޭގޮތައް އެބޭފުޅުން ނިންމަވާފައި އޮތީ،" ނާޒިމް ވިދާޅުވި އެވެ.

ޖޭއެއްސީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެ ކޮމިޝަންގެ ބައްދަލުވުމުގެ ސިޓިންއަކަށް ކޮންމެ މެންބަރަކަށް 500ރ. އަދި ކޮމިޝަންގެ ކޮމެޓީ ބައްދަލުވުމަކަށް މެންބަރަކަށް 300ރ. އެލަވަންސަށް ދީފައިވެ އެވެ. ޖުމްލަ 1.03 މިލިއަން ރުފިޔާ ވަނީ ކޮމެޓީ އެލަވަންސާއި ޖަލްސާ އެލަވަންސަށް މެންބަރުން ނަންގަވައިފަ އެވެ. އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވަނީ އެ ފައިސާ ނަގާފައިވާ މެންބަރުންގެ އަތުން އެ ފައިސާ އަތުލައި މާލިއްޔަތަށް ރައްދު ކުރަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

މުގައްރިރު ނާޒިމް ވިދާޅުވީ ޖޭއެއްސީގެ ކޮމެޓީ އެލަވަންސްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވެސް ކޮމެޓީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ޖޭއެއްސީގައި 10 މެންބަރުން ތިއްބަވަ އެވެ.