ފަސްދޮޅަށް ފަސް އަހަރުން މަތީގެ މީހުންނަށް ދޭ 2000ރ.ގެ އެލަވަންސް ގެމަނަފުށީގެ މީހުންނަށް ނުލިބޭތާ ހަތަރު މަސް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ގެމަނަފުށީ ކައުންސިލް މެންބަރު މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ 2000ރ.ގެ އެލަވަންސް ލިބޭ، ދޮށީ އުމުރުގެ މީހުންނަށް އެ އެލަވަންސް ނުލިބޭތާ ހަތަރު މަސް ވެފައިވާ ކަމަށާއި އެކަމާ ގުޅިގެން އާންމުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ވިލިނގިލީ ބްރާންޗަށް ގުޅުމުން ފައިސާ ނުދެވި ވަނީ ބޭންކުް ދޯނި ހަލާކުވެފައި ވާތީ ދަތުރު ކުރެވޭނެ ގޮތެއް ނެތުމުން ކަމަށް އެތަނުން ބުނި ކަމަށެވެ. އަދި ވިދާޅުވީ މިހާރު އެ މައްސަލަ ގއ. އަތޮޅު ކައުންސިލަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް ހާރޫން ރަޝީދު ވިދާޅުވީ ގެމަނަފުށީގެ އިތުރުން ވެސް އަތޮޅުގެ އެހެން ރަށްތަކުން ވެސް އެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެކަން ހައްލުކުރުމަށް ޓަކައި ބޭންކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ ބައެއް މެންބަރުންނާއި ބޭންކުގެ ބޭފުޅުންނާ އެކު މިއަދު ބައްދަލުވުމެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

"އަތޮޅުތެރޭގެ ރަށްތަކުން މިހާރަކަށް އައިސް އަންނަ ޝަކުވާއެއް ތިއީ. ބޭންކު ދޯނީގައި ބޭންކް ސްޓާފުން ކޮންމެ ރަށަކަށް ގޮސް ފައިސާ ދޫކުރަނީ. ބޭންކް ދޯނީގެ އިންޖީނު ހަލާކުވެގެން މަރާމާތުކުރަން މާލެ ގެންދިޔަތާ ހަތަރު މަސް ވެއްޖެ. އަޅުގަނޑުމެން މިދަނީ ބޭންކާ ވާހަކަ ދައްކައިގެން އެކަން ހައްލު ކުރެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން،" ހާރޫން ވިދާޅުވި އެވެ.