18 Aug 2010, 18:54
ދ. ކުޑަހުވަދޫ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރު ދިރިއުޅޭ ގެއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޔަކު ވަދެ، ފައިސާ ފޭރުމަށް މަސައްކަތްކުރިއިރު، އޭނާގެ ގަޔަށް އެކި ފަހަރުމަތިން ވަޅި ހަރައި ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް އެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ. އެ ހާދިސާއާ ގުޅިގެން ސަންއެފްއެމަށް ފޯނުން ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިއްޔެ ޑރ. ނިލޭޝް ބީ. ޑެސައީ ވިދާޅުވީ، އެއީ އޭނާ އަށް ކުރެވުނު އެންމެ "ބިރުވެރި ތަޖުރިބާ" ކަމަށެވެ.
ފާއިތުވި އެއް އަހަރު ދުވަހު އެ ރަށުގައި މަސައްކަތްކުރައްވަމުން ގެންދަވާ އުމުރުން 28 އަހަރުގެ ޑރ. ނިލޭޝަށް ހަމަލާދިނީ ފަސް މީހެކެވެ. އެއީ ކޮން ބައެއް ކަމެއް އޭނާއަކަށް އެނގިވަޑައެއްނުގަންނަވަ އެވެ.
ޑރ.ނިލޭޝް ވިދާޅުވީ، އޯޕީޑީ ނިންމާލެއްވުމަށް ފަހު އެ ރޭ ގެއަށް ވަޑައިގެންނެވުނީ 12 ޖަހަން އުޅެނިކޮށް ކަމަށެވެ. އަދި ދޮރު ތަޅުލައިގެން ޓީވީ ބައްލަވަން ކޮޓަރީގައި އޮންނަވަނިކޮށް ފުރަތަމަ އަޑުއިވުނީ ގޭގެ ވަލު ދޮރާށީގައި ބަޔަކު މަޑުމަޑުން ޓަކިޖެހި އަޑެވެ. އަދި ފަހުން ވަރަށް ބާރު އަޑުފައްގަނޑަކާ އެކު އިވިގެން ދިޔައީ ނިދާ ކޮޓަރީގެ ދޮރުގައި ތަޅަން ފެށި އަޑު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހިސާބުން ކަންބޮޑުވެވަޑައިގެން ރައްޓެއްސަކަށް ގުޅުއްވިތާ ހިދުކޮޅެއް ނުވަނީސް ކޮޓަރީގެ ދޮރު ވައްޓާލުމަށް ފަހު ވަޅި އާއި ހަތިޔާރު ހިފައިގެން ތިބި ބަޔަކު ކޮޓަރި ތެރެއަށް ވަން ކަމަށް ޑރ.ނިލޭޝް ވިދާޅުވި އެވެ.
" އަހަރެންނަށް އޭރު ވެސް އެނގިއްޖެ ކަމެއް ގޯސްވެއްޖެކަން. އެހެންވެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އިތުރު ޑޮކްޓަރަކަށް ގުޅީ. އެކަމަކު، ހަމަ އެ ވަގުތު ދޮރުގައި ތަޅަން ތިބި މީހުން ދޮރު ހަލާކުކޮށްލައި އެތެރެއަށް ވަން މަންޒަރު ފެނުނީ. އޭރު ކޮލީގަށް ހުރީ ގުޅިފައި. އެކަމަކު އެ މީހުން ފެނިފައި ބިރުން ފޯނު އެނދުމައްޗަށް އެއްލާލެވުނީ. އަމިއްލަ ފުރާނަ ރައްކާތެރިކުރަން ބޭނުންވީ. ފަސް މީހަކު ތިބީ މޫނު ނިވާކޮށްގެން. ދެ މީހަކު އަތުގައި ސްޓިކެއް (ދަނޑިބުރިއެއް) އޮތް. ދެން ތިބި ދެމީހުން ތިބީ ވަޅި ހިފައިގެން. ދެން ހުރި މީހާ ހުރީ މޫނު ނިވާނުކޮށްގެން،" ޑރ. ނިލާޝް ވިދާޅުވި އެވެ.
ޑރ. ނިލާޝް ވިދާޅުވީ، އެ މީހުން އެތަނަށް ދިޔައީ ފޭރިގަތުމަށް ކަމަށް އެނގިވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން އަމިއްލައަށް އަލަމާރި ދޮރުތަކާއި ތަންތަން ހުޅުވާ، ގޭގައި ފައިސާ ނުހުންނާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް، އެމީހުން ޑރ. ނިލޭޝްގެ ވާހަކަތަކެއް އަޑެއްނާހަ އެވެ. އޭނާ އަށް އަނިޔާކުރަން ފެށީ އެވެ.
"އެމީހުން އިޝާރާތްކޮށްފައި "ކޭޝް ކޮބައިހޭ" އަހަމުން ދިޔައީ. އަހަރެން ބުނިން ބޭންކުގައޭ (ފައިސާ) ހުންނާނީ. އެކަމަކު އެ ވާހަކަ ދައްކަނިކޮށް ވަރަށް ބާރަށް ބުރަކަށީގައި ފިހިގަނޑަކުން ޖެހީ. ތިން ހަތަރު ފަހަރު އެގޮތަށް ފިހިގަނޑުން ޖެހުމުން އަހަރެން ވެއްޓުނީ.
އަނިޔާކުރުން ދެން ވެސް ކުރިއަށްގެންދިޔަ،" އެވެ. ޑރ.ނިލޭޝް ވިދާޅުވީ، އޭނާ ވެއްޓުމުން ދެމީހަކު އައިސް ކޮނޑުގެ ދެ ފަރާތުގައި ހުއްޓި ވަޅިން ބިރުދައްކަން ފެށި ކަމަށެވެ.
"ދެ މީހަކު ވެސް ކޮނޑުގެ ދެ ފަރާތުގައި ހުއްޓި ވަޅި "ހަރާފާނަމޭ" ކިޔައި ބިރުދައްކަންފެށި. އަހަރެން ވަރަށް ސެލްފް ޑިފެންސްކުރެވޭތޯ ބެލިން. ދެކޮޅު ބަލަބަލަ ހުރެފައި ކަނާތްފަރާތަށް އެނބުރުނު ވަގުތު ވައަތު ކޮނޑަށް ފުރަތަމަ ވަޅިހެރީ. ދެން ވަޅި ހެރިތަނުން ލޭ އަންނަން ފެށުމުން، ލޭ ބަންދުކުރަން އަތް އެޅި ވަގުތު ވައަތު ކޮނޑަށް ވެސް ވަޅި ހެރީ،" އެ ޒަޚަމްތަކުގެ ސަބަބުން އަދިވެސް ވޭނުގައި ދިރިއުޅުއްވަމުން ގެންދަވާ ޒުވާން ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ވަޅިން ހަމަލާދިނުމަށް ފަހު އެ މީހުން ދެތިން މިނެއްޓެއްހާއިރު އެ ކޮޓަރިން އެއްޗެއް ފެނޭތޯ އެ މީހުން ހާވަމުންދިޔަ ކަމަށެވެ. ނަމަވެސް ކެމެރާ ނޫން އެހެން އެއްޗެއް ނުފެނުމުން، ކޮޓަރިން ނުކުންނަން އެމީހުން ދިޔައީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކެމެރާ ހިފައިގެން އެ މީހުން ނުކުންނަން ދިޔައީ. އެކަމަކު އެތަނުން އެކަކު އަނެއްކާ އަނބުރާލާފައި އަހަންނާ ދިމާއަށް އަންނަން ފެށީ. އޭރު އަހަރެން އިނީ އިށީނދެލައިގެން. އަދި އެމީހާ ވަޅި ނަގާ ޖަހަން އުޅުމުން އަހަރެންގެ ފައި ކުރުގަޅުވާލިން، އެހެންވެ، އަހަރެންގެ ފަލަމަސްގަނޑަށް ވަޅި ހެރުނީ... އެ އަށް ފަހު ދެން އެ މީހުން ދުވެ ފިލީ،" ޑރ.ނިލޭޝް ވިދާޅު އެވެ.
ޑރ.ނިލޭޝް ވިދާޅުވި ގޮތުގައި، އެ ހުރިހާ ކަމެއް ހިނގި އިރު އޭނާގެ ރައްޓެހި ޑޮކްޓަރާ ހުރީ ފޯނުން ގުޅިފަ އެވެ. އެހެންކަމުން، އޭނާ އަށް އެހީތެރިވުމަށް ތިން ޑޮކްޓަރަކު މާ ގިނައިރުތަކެއް ނުވެ ޑރ. ނިލޭޝް ދިރިއުޅުއްވާ ގެއަށް ވަޑައިގެން އޭނާ ހޮސްޕިޓަލަށް ގެންދެވި ކަމަށް ނިލޭޝް ވިދާޅުވި އެވެ.
އެ ހާދިސާ އަށް ފަހު ވެސް ޑރ.ނިލޭޝް ބޭނުން ވަނީ އެ ރަށުގައި މަޑުކުރައްވާށެވެ. އަދި އެ ހާދިސާގެ ހަބަރު އޭނާގެ އާއިލާގެ މީހުންނަށް އަންގަވާކަށް ބޭނުމެއްނުވި އެވެ. އެއީ އާއިލާ މީހުންނާ ދުރުގައި އުޅުއްވަނިކޮށް މިކަހަލަ ބިރުވެރިކަމެއް ކުރިމަތިވެވަޑައިގެންނެވުމުން އެ މީހުން ދެރަވާނެތީ ކަމަށް ޑރ.ނިލޭޝް ވިދާޅުވި އެވެ.
މިހާރު ޑރ.ނިލޭޝް ދިރިއުޅުއްވަނީ ރައްޓެހި ޑޮކްޓަރުންތަކަކާ އެކު އެހެން ގެއެއްގަ އެވެ. އެކަނި އުޅުއްވަން ކެރިވަޑައިނުގަންނަވާތީ އެވެ. އަދި މިހާރު އެކަނި ބޭރަށް ވަޑައިގަންނަވާކަށް ވެސް ކެރިވަޑައިނުގަންނަވަ އެވެ.
"ހީވަނީ އެމީހުން އަދިވެސް އައިސްފާނެހެން،" ކަމަށް ޑރ. ނިލޭޝް ވިދާޅުވި އެވެ.
ޑރ. ނިލޭޝަށް ހަމަލާދިން މައްސަލައާ ގުޅިގެން މިހާރު ތިން މީހަކު ހައްޔަރުކުރުމަށް ފަހު ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.