22 Aug 2024, 06:39
ވަރަށް އާދައިގެ ބަޖެޓަކުން އުފައްދާ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "މުންޖިއާ" ޑިޖިޓަލް ޕްލެޓްފޯމަށް ދޫކޮށްލުމުގެ ބަދަލުގައި ޓެލެވިޒަން ޗެނަލްއިން ޕްރިމިއާކުރާ ގޮތަށް ނިންމައިފިއެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާ މެޑްޑޮކް ފިލްމްސްގެ "މުންޖިއާ" ޕްރިމިއާކުރާ ގޮތަށް ނިންމާފައިވަނީ މި މަހުގެ 24ވަނަ ދުވަހު ސްޓާ ގޯލްޑް ޗެނަލްއިންނެވެ. މި ފިލްމަކީ މެޑްޑޮކް ފިލްމްސްގެ ސުޕަނެޗުރަލް ޔުނިވާސްއިން ގެނެސްދިން މިތޮލޮޖީ ހަތަރުވަނަ ފިލްމެވެ.
ފިލްމު ތިއޭޓަރުތަކުގައި އެޅުވިއިރު ފިލްމަށް މާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގިނަ ބަޔަކު އުއްމީދެއް ނުކުރެއެވެ. ނަމަވެސް، ފިލްމުގެ ކޮންސެޕްޓް ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުގޮސް އެންމެ 30 ކްރޯޑު ރުޕީސްއިން އުފެއްދި ފިލްމު ވަނީ ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދާފައެވެ.

އެކްޓަރު އަބޭ ވަރުމާ ފިލްމު "މުންޖިއާ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް ގިނައީ އާއްމުކޮށް ފިލްމުތަކުން ނުފެންނަ ތަރިންނެވެ. އޭގެ ތެރޭގައި، ބަތަލާ މޯނާ ސިންގް އަދި ސަތިއާ ރާޖް ހިމެނެއެވެ. ފިލްމުގެ ލީޑު ރޯލު ކުޅެފައިވަނީ ބޮލީވުޑްގެ އުއްމީދީ ބަތަލާ ޝަރުވަރީ ވާގް އަދި ޒުވާން އެކްޓަރު އަބޭ ވަރުމާއެވެ.
ފިލްމަށް ލިބުނު ކާމިޔާބީއާ ގުޅިގެން ބަތަލާ ޝަރުވަރީ ބުނެފައިވަނީ ފިލްމު ސެޓުގައި ކޮންމެ ދުވަހަކު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެވުނު ކަމަށާއި ފިލްމުގައި ކުޅުނު ކެރެކްޓާއަށް ދިރުން ގެނެސްދިނުމަށް 'ބޮޑީ ލެންގުއެޖް' ގެނެސްދޭ ގޮތަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު ކަމަށެވެ.
ފިލްމު "މުންޖިއާ" ސްޓާ ގޯލްޑްއިން ޕްރިމިއާކުރަން ނިންމާފައިވާއިރު މާ ލަސްތަކެއްނުވެ، ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވެސް ފިލްމު އަންނާނެ ކަމަށް ބެލެވެއެވެ.