25 Jun 2012, 14:29
ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއީޒާއި އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމަށް ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ ކޮމެޓީން ނިންމައިފި އެވެ.
ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ ކޮމެޓީން ތިން ވަޒީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ފާސްވީ ކޮމެޓީ އަށް ހާޒިރުވި ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވޯޓް ދެއްވައިގެންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އަލްހާން ފަހުމީ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނާގެ އިތުރުން ރުހުން ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމުގައިވާ މުހައްމަދު ނާޒިމް (މަޑަވެލި ނާޒިމް) އާއި މުހައްމަދު ރަޝީދު (ކުބޭ) އާއި މާރިޔާ އަހުމަދު ދީދީ އެވެ.
ޖަމްޝީދު އާއި މުއިޒްގެ އިތުރުން ޝަކީލާ އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދެއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިލްހާމް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހްމަދު މޫސާ އާއި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ސަލީމެވެ.
ތިން މިނިސްޓަރަކަށް ރުހުން ދޭން ނުފެންނަ ކަމަށް ނިންމި އިރު، ހިއުމަން ރައިޓްސް މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދަށް ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފައިވެ އެވެ. ހަތް މެންބަރުން ބައިވެރިވި ވޯޓްގައި ދިޔާނާ އަށް ރުހުން ދޭން ފާސްވީ އަލްހާން ވަކިކޮޅަކަށް ވޯޓް ނުދެއްވުމުން، 3-3 ވޯޓް އެއްވަރުވުމުން ކޮމެޓީގެ މުގައްރިރު މުހައްމަދު މުޖްތާޒު ދިޔާނާ އަށް އެއްކޮޅަށް ވޯޓް ދެއްވުމުންނެވެ.
ހަތަރު މިނިސްޓަރަކަށް ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހި ކޮމެޓީ އަށް ވަޑައިނުގަންނަވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމެޓީން ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް މިއަހަރު ދެ ފަހަރެއްގެ މަތިންކޮށްފައިވެ އެވެ. ދެވަނަ ފަހަރަށް ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ކޮމެޓީ އަށް ގެނެސްފައި ވަނީ ސަރުކާރުގެ އޮނިގަނޑަށް ބަދުލު ގެނެސް ހިއުމަން ރައިޓްސް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީއެއް އުފެއްދުމުންނެވެ.