އިންތިޚާބުތަކުން އެމްޑީޕީ ނާކާމިޔާބުވަނީ އެމްޑީޕީގެ ލީޑާޝިޕް ބައިބައި ވުމުން ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަހުމަދު ދީފީ ވިދާޅުވީ އިންތިޚާބުތަކުން ނާކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް މިހާރުގެ ގިނަ ދިރާސާތަކުން ފެންނަނީ އެމްޑީޕީގެ އެތެރޭގެ ވޭތުވެދިޔަ ފަސް އަހަރު އުފެދުނު ލީޑާޝިޕް ބައިބައިވުމުގެ މައްސަލަތައް ކަމަށެވެ.

"ޕާޓީގެ ތެރެއިން އެއްފަޅި ދިޔައީ ވަކިވެގެން. އެއީ މަދު އަދަދެއް އެހެން ނަމަވެސް އިންތިހާބަށް ނުފޫޒު އަންނަ އަދަދެއް އެދިޔައީ ނިކުމެގެން. އެއީ އެންމެ ބޮޑު އެއް ސަބަބު ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ." އަހުމަދު ދީދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ އިތިރުން ވަރަށް ގިނަ މަސައްކަތްތަކެއް އެމްޑީޕީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ބައެއް މީހުން އަމިއްލަ ޒާތީ މައްސަލަތަކާ ހުރެ، އެމްޑީޕީއާ ދެކޮޅަށް ނިކުމެފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލީޑާޝިޕް ރަނގަޅު ކުރުމަށް މިހާރު ވެސް ވަރަށް ގިނަ ބޭފުޅުންނާ މަޝްވަރާ ކުރެވި މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އަދި ގިނަ ބަޔަކު ފާހަގަކުރަނީ ވޭތުވެދިޔަ ދުވަސްތަކުގައި، ލީޑާޝިޕާ އެމްޑީޕީގެ މެމްބަރުންނާ ގުޅުން ކުޑަ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ބޮޑަށް ވާގޮތަކީ އެމްޑީޕީ ލީޑާޝިޕަށް އައީމަ ލީޑަރުންނަށް ތިބޭ މީހުންތައް މިދަނީ ސަރުކާރުގެ ތެރެއަށް ނޫނީ ޕާލިމެންޓުގެ ތެރެއަށް ދިޔައީމަ ވާގޮތަކީ ޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ހުރިހާއެންމެން ބައެއް މީހުން ސަރުކާރުގަ އަނެއްބައި މީހުން މަޖިލީހުގަ ތިބީމަ އެބޭފުޅުންނަށް ވަގުތުނުދެވެނީ ޕާޓީ ހިންގުމަށް" އަހުމަދު ދީދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އާންމު މެންބަރުންގެ ލަފާ ހޯދައި މަސައްކަތް ކުރަމުން މި ގެންދަނީ ވީހާވެސް ބޮޑަށް މެމްބަރުން ބޭނުންވާ ގޮތަކަށް ޕާޓީ ބައްޓަން ކުރެވޭތޯ ކަމަށެވެ.

އެމްޑީޕީން މިފަހުން ކުރިމަތިލި ބޮޑު ދެ އިންތިޚާބު ވަނީ ނާކާމިޔާބުވެފައެވެ. އެއީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބިފައި ވަނީ 12 ގޮނޑިއެވެ. ސަރުކާރު ހިއްސާވާ ޕާޓީ ޕީއެންސީއަށް ލިބިފައި ވަނީ 76 ގޮނޑިއެވެ.