25 Jun 2012, 14:11
ގދ. ވާދޫ ކައުންސިލް ހިންގުމަށް ބޭއްނުންވާ ހަރަދުތަށް ސަރުކާރުން ބަޖެޓް ނުދޭކަމަށް ބުނެ އެ ކައުންސިލްގެ މަސައްކަތް ހުއްޓާލުމަށް ނިންމައިފި އެވެ.
ވާދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޝިޔާޒް ވިދާޅުވީ ވާދޫ ކައުންސިލަށް ބަޖެޓް ހޯދަން ހަދަންޖެހޭ ބަޖެޓް ކޮންޓްރޯލްތައް ހެދުމަށްފަހު ފިނޭންސް މިނިސްޓްރީއަށް މީގެ ދެމަސް ކުރިން ހުށައަޅާފައިވާ ކަމަށާއި ނަމަވެސް ވޭތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި އެއްވެސް ފައިސާއެއްވެފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަތަކުނެތް ހަރަދުކުރާނެ އެއްވެސް ފައިސާއެއް ކާޓްރިޖާއި ކަރުދާސް ވެސް ހުރީ ހުސްވެފައި އަނެއްކޮޅުން ފޯނާއި ފެކްސް ގެ ހިދުމަތް ވެސް މިހާރުވަނީ މެދުކެނޑިފަ، އަދި މިހާރު އިންޖީނުގެއިން ވަނީ ކަރަންޓް ބިލަށް ފައިސާ ނުދައްކާތީ ކަރަންޓް ކަޑާލަން ޗިޓް ވެސް ފޮނުވާފަ" ޝިޔާޒް ވިދާޅުވި އެވެ. "އަޅުގަނޑުމެނަށް މުސާރަ ބަރާބަރަށް ޖަމާވޭ ޖަމާނުވަނީ އިދާރާއަށް ހަރަދުކުރާނެ ފައިސާ"
އޭނާ ވިދާޅުވީ އެކަން ހައްލު ކޮށްދިނުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ހައްލެއް މިހާތަނަށް އައިސްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން އެރަށުގެ ކައުންސިލަށް އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށާއި ސަރުކާރުން ފައިސާ ޖަމާނުކޮށް އަދި އެހެނިހެން ހިދުމަތްތަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިނުދޭހާ ހިނދަކު އިދާރާ މަދަމާއިން ފެށިގެން ނުހުޅުވާނެ ކަމަށެވެ.
މިކަމާއިބެހޭ ގޮތުން ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ވިދާޅުވީ ވަކި ކައުންސިލަކަށް ވަކި ގޮތެއް ހެދުމުގެ ސިޔާސަތެއް އެފަރާތުން ނުގެންގުޅޭ ކަމަށާއި ހުރިހާ ކައުންސިލަކަށް ވެސް ގައިވައިދުގައި ވާގޮތުގެ މަތިން ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި ވާދޫ ކައުންސިލަށް ފައިސާ ނުލިބޭ ކަމުގެ މައުލޫމާތް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.