25 Jun 2012, 14:03
ރާއްޖޭގެ މަނީ ސާކިއުލޭޝަންގެ ތެރޭގައި ފަސް ރުފިޔާގެ ވަގު ނޫޓެއް ނޫޅޭ ކަމަށާއި ދައުރުވަމުން ދަނީ މިދިޔަ ޑިސެމްބަރު މަހު ނެރުނު ފަސް ރުފިޔާގެ އައު ޗާޕުގެ ފައިސާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
ފަސް ރުފިޔާގެ އާ ނޫޓާ ގުޅޭ ގޮތުން އެ ބޭންކަށް އެކި ފަރާތްތަކުގެ ޝަކުވާ ލިބެމުންދާ ކަމަށް ބުނެ އެމްއެމްއޭއިން މިއަދު އާންމުކުރި ބާޔެއްނެއްގައި ބުނަނީ ފަސް ރުފިޔާ އާ ޗާޕެއް ނެރެފައި ވަނީ ބަދަލުތަކަކާއި އެކުގައި ކަމަށާއި އާ ނޫޓުގައި ތަފާތު ތިން ބަދަލެއް ހިމެނޭނެ ކަމަށެވެ.
އާ ނޫޓުގައި ބަދަލުތަކުގައި ސަލާމަތީ ރޮދި ފަށާއި ތާރީހު އަދި ސޮޔަށް އައިސްފައިވާ ބަދަލު ހިމެނެ އެވެ. އެމްއެމްއޭއިން ބުނީ އާ ނޫޓުގެ ސަލާމަތީ ރޮދި ފަށް ފަރުމާކޮށްފައި ޑިޒައިނަކަށް ކަމަށެވެ. ކުރީގެ ނޫޓުގެ ރޮދި ފަށުގައި ހިމަނާފައި ވަނީ "އެމްއެމްއޭ އަދި އޭއެމްއޭ" މި އަކުރު ތަކެވެ.
ފަސް ރުފިޔާގެ އާ ނޫޓް ނެރެފައި ވަނީ މިދިޔަ ޑިސެމްބަރު 11 ގައެވެ.
އާ ނޫޓުގައި ސޮއި ކުރައްވާފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު ކަމަށްވާއިރު އެ ނޫޓުގައި މީލާދީ ތާރީހަކަށް ހިމަނާފައިވަނީ 7 މާޗް 2011 އެވެ. ހިޖުރީ ތާރީހަކަށް 2 ރަބީއުލްއާހިރު 1432 އެވެ.
"އަޅުގަނޑުމެންނަށް އެ ޝަކުވާ ދަނީ ލިބެމުން އެއީ ވަގު ނޫޓެއް އުޅޭ ކަމަށް ބުނެ، އެކަމަކު ބެލި ބެލުމުން މި އެނގުނީ އެއީ އާ ނޫޓުކަން،" އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އެމްއެމްއޭއިން ވަނީ ފަސް ރުފިޔާގެ އާ ނޫޓެއް ނެރުނު ކަން އިއުލާންކޮށްފަ އެވެ. އާ ނޫޓާއެކު ކުރީގެ ފަސް ރުފިޔާގެ ނޫޓުތައް ވެސް ދައުރުވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.