21 Aug 2024, 22:28
ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ފޯވަޑް ޖޯއަ ފީލިކްސް އިންގްލިޝް ޕްރިމިއާ ލީގުގެ ޗެލްސީއަށް ސޮއި ކުރިއިރު ޗެލްސީގެ ކެޕްޓަން ކޯނޯ ގެލެގާ އެޓްލެޓިކޯއަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފީލިކްސް ޗެލްސީއަށް ސޮއިކޮށްފައިވަނީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 45 މިލިއަން ޕައުންޑާ ގާތް ކުރާ އަގަކަށެވެ. މިއީ އުމުރުން 24 އަހަރުގެ ފީލިކްސް ޗެލްސީއަށް ކުޅޭ ދެވަނަ ފަހަރެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން 2023 ވަނަ އަހަރު ޗެލްސީއަށް ކުޅުނު 20 މެޗުގައި އޭނާވަނީ ހަތަރު ލަނޑު ޖަހައިދީފައެވެ. ޗެލްސީއަށް ބަދަލު ވުމަށްފަހު ވާހަކަ ދައްކަމުން ފީލިކްސް ވަނީ ޗެލްސީއަށް އެނބުރި އާދެވުމުން އެކަމާ އުފާކުރާކަން ހާމަކޮށްފައެވެ. އަދި ކުރިން އެއްކޮށް ކުޅުނު ފަރިތަ ބައެއް މޫނުތަށް ފެންނަ ކަމަށާއި އަބަދުވެސް އެއްކޮށް ކުޅެފައި ތިބި ކުޅުންތެރިންނާ އެކު ކުޅުމުގެ ފުރުސަތު ލިބުމަކީ ހިތްހަމަ ޖެހޭ ކަމެއް ކަމަށެވެ.
ގެލެގާއަށް ބަލާލާއިރު އޭނާ އެޓްލެޓީ އަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 33 މިލިއަން ޕައުންޑާ ގާތް ކުރާ އަގަކަށެވެ. އުމުރުން ހަ އަހަރުގައި ޗެލްސީއާ ގުޅުނު ގެލެގާ ވަނީ އެ ކްލަބަށް 90 މެޗު ކުޅެދީ 10 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
އޭނާ ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން މިސީޒަނާ އެކު ނިމޭތީ ޗެލްސީން ބޭނުންވީ ކްލަބަށް އެއްޗެއް ނުލިބޭގޮތަށް މިއަންނަ ސީޒަންގައި އޭނާ ޓީމު ދޫކޮށް ދިއުމުގެ ކުރިން މިހާރު އޭނާ ވިއްކާލުމަށެވެ. ގެލެގާ އެޓްލެޓީ އަށް ބަދަލުވުމުގެ ވިޔަފާރި ކުރިއަށް ގެންދާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. ނަމަވެސް ކުރިން ޗެލްސީއަށް ސޮއިކުރުމަށް ހަމަޖެހިފައިވި އެޓްލެޓީގެ އެހެން ފޯވަޑެއް ކަމަށްވާ ސާމޫ އޮމޮރޯޑިއަންގެ ވިޔަފާރި ކުރިއަށްދާ ގޮތް ނުވުމުން ގެލެގާގެ ވިޔަފާރި ވެސް ކުރިއަށް ނުގެންދެވި ލަސްވީއެވެ.
ގެލެގާވަނީ އޭރު އެކަން ވާން އުޅޭ ކަމުގެ އިޝާރާތް ދެ ކްލަބުން ދިނުމާއެކު މެޑްރިޑްގައި ފަސް ދުވަސް ހޭދަވެސް ކޮށްފައެވެ. އަދި އޭނާ އެޓްލެޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވި މަންޒަރު ތަކެއްވެސް ފެނިގެންދިޔައެވެ.
އެޓްލެޓީއަށް ބަދަލުވުމަށްފަހު ގެލެގާވަނީ ޗެލްސީގެ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. މިގޮތުން އޭނާގެ ހުވަފެންތަށް ހަގީގަތަކަށް ހަދާދިނީތީ ޗެލްސީއަށް ޝުކުރު އަދާކުރިއެވެ. އަދި ޗެލްސީގައި ހޭދަކުރި ހުރިހާ ވަގުތަކީ ވެސް ހާއްސަ ވަގުތު ތަކެއް ކަމަށާއި އެދުވަސްތައް އޭނާ ހަނދާން ނުނެތޭނެކަމަށް ގެލެގާ ވަނީ ބުނެފައެވެ.