21 Aug 2024, 14:22
ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި، ދެމެހެއްޓެނިވި އުސޫލުތަކަށާއި، ޑިމޮކްރެޓިކް އުސޫލުތަކަށާއި، ބައިނަލްއަޤުވާމީ އެއްބާރުލުމަށް އަހަންމިއްޔަތުކަން ދިނުމަކީ މުހިންމުކަމެއް ކަމަށާއި އެ ރޮނގުން ޗައިނާއާއި އެހެން ގައުމުތަކާ އެކުގައި މަސައްކަތްކުރަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ބެއިޖިންގައި މިހާރު ކުރިއަށްދާ 2024 އިންޓަ-ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯ ޑިވެލޮޕިން ކަންޓްރީސްގައި ތަގުރީރުކުރައްވަމުން އެ މަނިކުފާނު ވަނީ ހުރިހާ ފަރާތްތަކެއް ހިމެނޭ އިގުތިސާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށްޓަކައި ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމާބެހޭ ގޮތުން އަލިއަޅުއްވާލައްވާފައެވެ.
އެންމެންނަށް ފައިދާ ލިބޭ ފަދަ އިގުތިސާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި، ދެމެހެއްޓެނިވި އުސޫލުތަކަށާއި، ޑިމޮކްރެޓިކް އުސޫލުތަކަށާއި، ބައިނަލްއަގުވާމީ އެއްބާރުލުމަށް އަހަންމިއްޔަތުކަން ދިނުމަކީ މުހިންމުކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަޙީމް ވިދާޅުވީ، ރާއްޖެއަށް އެ މަގަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި އެ ކަމުގައި ޗައިނާއާއި އަދި އެހެން ގައުމުތަކާ އެކުގައި ވެސް މަސައްކަތްކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
"ޗައިނާގެ އެހީތެރިކަމާ އެކު މުހިންމު މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންދެވިފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ވަކި ޚާއްޞަ ޙާލަތްތަކަށާއި ވަސީލަތްތަކަށް ރިޢާޔަތްކުރަންޖެހޭކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މި ބަވަނަވެފައިވާ ދުނިޔޭގައި ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށް ވެސް ވަކި ޚާއްޞަ ގޮންޖެހުންތަކަކާއި ފުރުޞަތުތަކެއް އެބަހުރި ކަމަށެވެ.
"އެންމެން ގުޅިގެން އެންމެންގެ ބައިވެރިވުން އޮންނަ އިގުތިސާދެއް ބިނާކުރަން މަސައްކަތްކުރަންޖެހޭ،" އެ މަނިކުފާނު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
އިންޓަ-ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯ ޑިވެލޮޕިން ކަންޓްރީސް ކުރިއަށްދާނީ 18 އިން 23 އޯގަސްޓްގެ ނިޔަލަށެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ބައިވެރިވެވަޑައިގަންވައެވެ.