އިންޑިއާގެ ހޮސްޕިޓަލެއްގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލާގައި، އެފަދަ ބޮޑެތި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފިއެވެ.

އިންޑިއާގެ ކޮލްކަތާގެ ހޮސްޕިޓަލެއްގައި އުމުރުން 31 އަހަރުގެ އަންހެން ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގައި އުފެދިފައިވާ ކަންބޮޑުވުންތަކާއެކު އިންސާފު ހޯދުމަށާއި ރައްކާތެރިކަން ހޯދައިދިނުމަށް އެދި އިންޑިއާގެ ޑޮކްޓަރުން އަންނަނީ ހަޅުތާލު ކުރަމުންނެވެ.

އަދި މި މައްސަލަ ވަނީ ރާއްޖޭގެ ސަމާލުކަމަށް ވެސް އައިސްފައެވެ. ސޯޝަލް މީޑިއާގައި ވެސް ގިނަ މީހުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، އިންޑިޔާގައި ޒުވާން ޑޮކްޓަރަކު ރޭޕްކޮށް މަރާލި އެސޯސިއޭޝަނުން ކުށްވެރިކުރާ ކަމަށެވެ.

އަދި އެ ހިތާމަވެރި ހާދިސާގެ ސަބަބުން، ސިއްހީ ޚިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދާކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. ހަމައެއާއެކު އެފަދަ ބޮޑެތި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަވަސް އަދި ނިންމަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

އެފަދަ އަނިޔާވެރި އަމަލެއްގެ ސަބަބުން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ މަސައްކަތަށް ވެސް ހުރަހެއް ނޭޅޭނެކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ޑޮކްޓަރު މަރާލާފައި އޮއްވައި ފެނުނީ އޭނާ މަސައްކަތްކުރާ ހޮސްޕިޓަލްގެ ސެމިނާ ހޯލުންނެވެ. އަދި، އޭނާ އެ ތަނަށް ގޮސްފައިވަނީ ދިގު ޝިފްޓަކަށް ފަހު އަރާމުކޮށްލަން ކަމަށް ވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާގެ ހޮސްޕިޓަލްތަކުގެ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި އާންމުން އަންނަނީ މަގުތަކަށް ނުކުމެ ހަޅުތާލު ކުރަމުންނެވެ.

ގާތްގަޑަކަށް 4 ލައްކަ މެންބަރުން ހިމެނޭ އިންޑިއާގެ އެންމެ ބޮޑު ޑޮކްޓަރުންގެ ގްރޫޕް ކަމަށްވާ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ)އިން ވަނީ މިދިޔަ ހަފުތާ ބަންދުގައި 24 ގަޑިއިރު ވަންދެން ހަޅުތާލުކޮށްފައެވެ.

އިންޑިއާގެ ސިއްޚީ ހިދުމަތްތެރިންނަށް ރައްކާތެރިކަން އޮތް މިންވަރެއް ބަލައި، އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅާނެ އުސޫލުތައް އެކުލަވައިލުމަށް ޚާއްސަ ޓާސްކްފޯހެއް އުފެއްދުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ވެސް ވަނީ އަމުރުކޮށްފައެވެ.