25 Jun 2012, 13:44
ފެބްރުއަރީ ނުވަ ވަނަ ދުވަހު ބ. ހިތާދޫ ކައުންސިލް އިދާރާ އާއި މެޖިސްޓްރޭޓް ކޯޓު ބަންދު ކުރި މައްސަލައިގެ ތަހުގީގު ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިއަދު ވިދާޅުވީ ފެބްރުއަރީ ނުވަ ވަނަ އެރަށު ބަޔަކު ރަށުގެ ކައުންސިލް އިދާރާ އާއި ކޯޓު ބަންދު ކުރި މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ޓީމެއް އިއްޔެ އެރަށް ގޮސް ބައެއް މީހުންގެ ބަޔާންތައް ނަގާފައިވާ ކަމަށެވެ.
"ފެބްރުއަރީ ނުވަ ވަނަ ދުވަހު ހިތާދޫ ކައުންސިލް އިދާރާއާއި މެޖިސްޓްރޭޓް ކޯޓު ބަންދުކުރި މައްސަލަ ތަހުގީގު ކުރުމަށް އިއްޔެ ފުލުހުންގެ ޓީމެއް އެރަށް ގޮސް ބައެއް މީހުންގެ ބަޔާންތައް ވަނީ ނަގާފަ،" ހަނީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަވަހަކަށް ނިންމައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.
ފެބްރުއަރީ ނުވަވަނަ ދުވަހު އެރަށު ބަޔަކު ވަނީ ކައުންސިލް އިދާރާއާއި ކޯޓުގެ ތެރެއަށް ވަދެ މިހާރުގެ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ބުނެ އެތާނގެ މުވައްޒަފުން ބޭރުކޮށްފަ އެވެ.