މަގުމަތިން ބުޅާ ހިފައި، އެ މަރައި، އެއިން ތައްޔާރުކުރި ކާބޯތަކެތި ވިއްކި ފިހާރަތައް ކަމަށް ބުނެ މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ފޭކު ޕޯސްޓުތަކެއް މިއަދު ދައުރުކުރަން ފަށައިފިއެވެ.

އިމިގްރޭޝަންގެ އޮފިޝަލް އެކައުންޓުތަކުން ކޮށްފައިވާ ޕޯސްޓުތަކެއް ގޮތަށް ތައްޔާރުކޮށްފައިވާ ސްކްރީންޝޮޓްތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ވަނީ އެ ސްކްރީންޝޮޓް ހިއްސާކުރައްވާ އެއީ އިމިގްރޭޝަންގެ ނަމުގައި ދައުރުކުރަމުންދާ ފޭކު ޕޯސްޓެއް ކަމަށް ވިދާޅުވެފައެވެ.

އެ ޕޯސްޓުގައި ވަނީ މިދިޔަ އާދިއްތަ ދުވަހު އާންމުންގެ ސަމާލުކަމަށް އައި މައްސަލައަކާ ގުޅޭގޮތުންނެވެ. އެއީ ބަންގްލަދޭޝްގެ 32 އަހަރުގެ، އެމްޑީ އަރަފާތު ހޮސައިން ކިޔާ މީހަކު ބުޅާ މަރައި، އޭގެ މަހުން ކައްކައިފައިވާ ކާތަކެތި ވިއްކާ ފިހާރަތަކުގެ ވަނަވަރު ހާމަކޮށްފައެވެ. އެގޮތުން، 20 ފިހާރައެއްގެ ނަން ވަނީ އޭގައި ލިޔެފައެވެ.

"ސަން" އަށް މައުލޫމާތުދެއްވާ އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިމިގްރޭޝަންގެ ނަމުގައި ފޭކު ޕޯސްޓުތަކެއް މިހާރު ދައުރުވަމުންދާ ކަމަށެވެ. ނަމަވެސް، އެއީ ފޮޓޯޝޮޕް ޕޯސްޓުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި، އެފަދަ އެއްވެސް މައުލޫމާތެއް އިމިގްރޭޝަންގެ ސޯޝަލް މީޑިއާތަކުން ހިއްސާކޮށްފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި، އެފަދަ އެކައުންޓެއް ހަދާފައިވާކަމެއް، ލިންކެއް ވެސް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބުޅާ މަހުން ތައްޔާރުކުރި ކާތަކެތި ފިހާރަތަކުގައި ވިއްކާ މައްސަލާގައި އާންމުން ވަނީ ވަރަށް ބޮޑަށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފުލުހުން މިއަދު މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މީހާ ހައްޔަރުކޮށް އިއްޔެ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހާގެ މައްޗަށް އަޅާނެ ފިޔަވަޅަކާ ގުޅޭގޮތުން "ސަން"އިން ސުވާލުކުރުމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ މިހާރު ބަލަމުންދާތީ އަދި ވަކި އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. އެހެންނަމަވެސް، ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށާއި އޭނާގެ މައްޗަށް އަޅާނެ ފިޔަވަޅެއް ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.