ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ފައިސާ ލޯންޑާކޮށް ޚިޔާނާތްތެރިވިކަމުގެ ދައުވާތައް އަލުން ބަލާއިރު ވެސް ޝަރީއަތްތައް ލައިވްކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ހިޔާނާތްވެ، އެ ފައިސާ ލޯންޑާކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

އޭގެ ފަހުން، ވެރިކަން ބަދަލުވެ މި އަހަރުގެ އޭޕްރީލް 18 ގައި ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ޔާމީން މިނިވަންކޮށްފައެވެ. އެ މައްސަލައިގައި ދެން ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވެސް އެ ކޯޓުން މިނިވަންކުރިއެވެ.

ނަމަވެސް، ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަންގައިފައެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވާފައެވެ. ކްރިމިނަލް ކޯޓުން "ސަން"އަށް ބުނީ، މިއަދުގެ އަޑުއެހުމުގައި އެ ކޯޓުން ވަނީ ޔާމީންގެ މައްސަލައިގެ ޝަރީއަތްތައް މި ފަހަރު ވެސް ލައިވްކޮށްގެން ކުރިއަށް ގެންދަން ނިންމާފައި ކަމަށެވެ.

ޔާމީންގެ މައްސަލައިގައި ދަށު ކޯޓުން 2022 ވަނަ އަހަރު ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައި ހުކުމާ ހަމައަށް ވާސިލުވިތާ ހަތަރު މަސް ފަހުން ހައިކޯޓުން މިިދިޔަ އޭޕްރީލް މަހު ކުރި ހުކުމުގައި ވަނީ ދަށު ކޯޓު މަރުހަލާގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކޮށްފައެވެ.

އެ މައްސަލަ ދަށު ކޯޓުގައި ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

އެ ފަހަރުގެ ޝަރީއަތްތައް ކުރިއަށް ދިޔައިރު ވެސް ޔާމީންގެ ފަރާތުން އެދިގެން ދަށު ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްފައެވެ.

ޔާމީންގެ މައްޗަށް ތުހުމަތުކުރެވުނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު ވެރިކަންކުރެއްވީއިރު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އޭރު ވ. ފެލިދޫ ދާއިރާގެ މެންބަރަކަަށް ހުންނެވި ޔޫސުފް ނައީމްގެ އަތުން ރިޝްވަތު ބައްލަވައިގެން، އެ ފައިސާ ލޯންޑާކުރި ކަމަށެވެ.

އެކަމަކު، ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔޫސުފް ނައީމާއި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ވެސް ބާތިލުކޮށްފައެވެ.

މި މައްސަލާގައި ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ އާ ހެކިތައް އެއްފަރާތްކޮށް އަލުން މައްސަލައިގައި ގޮތެއް ނިންމަން ހައި ކޯޓުން އަންގާފައިވާ ބައި ދައުލަތުން މިހާރު އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވިޔަސް އަދި މައްސަލައިގެ އަޑުއެހުންތަކެއް ނުފަށައެވެ.