21 Aug 2024, 10:37
މާލޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗު ތެރޭގައި ހުންނަ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކިކަމުގެ ކުށުގެ ތުހުމަތުގައި އިއްޔެ މީހަކު ބަންދުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާއަށް ފުލުހުން ތުހުމަތުކުރަނީ ޖިންސީ ގުނަވަން ދެއްކުމުގެ ކުށުގައެވެ. އެ ގޮތުން، އެ މީހާ އައިޖީއެމްއެޗް މިސްކިތް ތެރޭގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
ކޯޓު އަމުރުގައި ވާގޮތުން، ހަމަ މި މީހާ މިދިޔަ ޖޫން މަހު ސްކޫލަކަށް ވަދެ، އެ ތަނުގައި ތިބި ބަޔަކަށް ވެސް ޖިންސީ ގުނަވަން ވަނީ ދައްކައިފައެވެ.
އެ މީހާއަކީ ބަންދު ރިކޯޑު އޮތް މީހެކެވެ. ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރުމުން އެ މީހާ ވަނީ ގާނޫނީ ވަކީލެއް ބޭނުންވާ ކަމަށާއި އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ބުނެފައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އެހެންވެ، އޭނާގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހަށެވެ.