އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރު ކުރަން ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ކެމްޕެއިނެއް ފަށައިފި އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ މެނިފެސްޓޯ އެކުލަވައިލަން ޝޯޝަލް ނެޓްވޯކް މެދުވެރިކޮށް ހިޔާލާއި މަޝްވަރާ ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި "ޓެލް އެމްޑީޕީ"ގެ ނަމުގައި ޓްވިޓާ އެކައުންޓަކާއި އަދި ހަމައެނަމުގައި މިހާރު ފޭސްބުކް ޕޭޖެއް ހުޅުވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ކެމްޕެއިން ކޮމިޓީން އެ ޕާޓީގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ އެގޮތަށް ހިޔާލާއި މަޝްވަރާ ފޮނުވޭނެ އިންތިޒާމް ހަމަޖެއްސީ މެނިފެސްޓޯ ތައްޔާރު ކުރުމުގައި އެކި އުމުރުފުރާތަކުގެ ވީހާ ވެސް ގިނަ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި ބައިވެރިވުން ހިމެނުމަށް ކަމަށެވެ. އަދި އެމްޑީޕީން މަގުދަސަދަކީ އެ ޕާޓީގެ ސަރުކާރެއްގައި ރައްޔިތުން ބޭނުންވާ ކަންކަން ހޯދައިގެން ވޯޓް ހޯދަން ދިއުން ކަމަށް ވެސް ބުނެފައި ވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުކުރާ ޕާޓީގެ އާ މެނިފެސްޓޯގައި އެމްޑީޕީ ސަރުކާރެއްގައި ހުށަހަޅާނެ ދައުލަތުގެ ބަޖެޓް ހިމެނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި މެނިފެސްޓޯ އެކުލަވާލުމުގެ ކުރީން ގާތްގަނޑަކަށް 120000 މީހުނާ ހިޔާލު ބަދަލު ކުރުމަކީ މައިގަނޑު އަމާޒު ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ