21 Aug 2024, 09:30
އިނގިރޭސި ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓިގެ ފިލް ފޯޑެން ކާމިޔާބުކޮށްފިއެވެ.
އުމުރުން 23 އަހަރުގެ ފޯޑެންވަނީ މިދިޔަ ސީޒަންގައި ސިޓީއަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން އޭނާވަނީ ކުޅުނު 35 މެޗުގައި 19 ލަނޑު ޖަހައިދީފައެވެ. ސިޓީން މިދިޔަ ސީޒަންގައިވަނީ ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފައެވެ.
ފޯޑެންއަކީ ހަތަރު ފަހަރަށް އިނގިރޭސި ލީގު ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާއެވެ.
އިނގިރޭސި އެންމެ މޮޅު ކުޅުންތެރިޔާގެ އިނާމު ލިބުމުން ފޯޑެން ބުނީ، މިއީ އޭނާއަށް ވަރަށް ޚާއްސަ އެވާޑެއް ކަމަށާއި އެ ކަމާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އަދި، އޭނާއަށް ވޯޓު ދިން ހުރިހާ ކުޅުންތެރިންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މިއީ ޕީއެފްއޭގެ އިނާމު ފޯޑެންއަށް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް، މީގެ ކުރިން ދެ ފަހަރެއްގައި އޭނާގެ ނަން ވަނީ ޒުވާން އެންމެ މޮޅު ކުޅުންތެރިންގެ ޝޯޓް ލިސްޓްގައި ހިމެނިފައެވެ.
މި އިނާމްގެ އިތުރުން މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިނާމާއި ފުޓްބޯލް ރައިޓާސް އެސޯސިއޭޝަންއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ވަނީ ފޯޑެން ހާސިލުކޮށްފައެވެ.
މި އިނާމަށް ދެން ވާދަކުރި ކުޅުންތެރިންގެ ތެރޭގައި ފޯޑެންއާ އެކު ސިޓީއަށް ކުޅޭ އާލިން ހާލަންޑާއި ރޮޑްރީ، ޗެލްސީގެ ކޯލް ޕާމާ، އާސެނަލްގެ މާޓިން އޮޑެގާޑް އަދި އެސްޓަންވިލާގެ އޮލީ ވޮޓްކިންސް ހިމެނެއެވެ.
އަހަރުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވަނީ ޗެލްސީއާ އެކު ވަރަށް ކާމިޔާބު ސީޒަނެއް ހޭދަކުރި ކޯލް ޕާމާއެވެ. ޕާމާވަނީ މިދިޔަ ސީޒަންގައި ޗެލްސީއަށް ބަދަލުވެ، އެ ޓީމަށް ލީގުގައި ކުޅުނު 34 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މިއީ 2009-2010 ވަނަ އަހަރުގެ ސީޒަނަށް ފަހު ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާއާއި ޒުވާން މޮޅު ކުޅުންތެރިޔާގެ އިނާމް އިންގްލަންޑަށް ނިސްބަތްވާ ދެ ކުޅުންތެރިންނަށް ލިބުނު ފުރަތަމަ ފަހަރެވެ. އެ ފަހަރު އެ އިނާމު ހާސިލުކޮށްފައިވަނީ ވޭން ރޫނީއާއި ޖޭމްސް މިލްނާއެވެ.
އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންނަށް ބަލާއިރު މި ފަހަރު ޓީމުގައި ގިނައީ ދެވަނައަށް ދިޔަ އާސެނަލްގެ ކުޅުންތެރިންނެވެ. މިގޮތުން، އާސެނަލްގެ ފަސް ކުޅުންތެރިން ހިމެނިފާވާއިރު ޗެމްޕިއަން ސިޓީން ހޮވިފައިވަނީ ހަތަރު ކުޅުންތެރިންނެވެ. ދެން މި ޓީމުގައި ހިމެނެނީ ލިވަޕޫލްގެ ކުޅުންތެރިޔަކާއި އެސްޓަން ވިލާގެ ކުޅުންތެރިއެކެވެ.