21 Aug 2024, 09:37
އިނގިރޭސި ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީ ވިމެންގެ ފޯވަޑް ޚަދީޖާ ޝޯ ކާމިޔާބުކޮށްފިއެވެ.
އުމުރުން 27 އަހަރުގެ ޝޯ ވަނީ މިދިޔަ ސީޒަންގެ ވިމެންސް ސުޕާ ލީގުގައި ކުޅުނު 18 މެޗުގައި 21 ލަނޑު ކާމިޔާބުކޮށް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްވެފައެވެ. މިދިޔަ ސީޒަން ސިޓީން ނިންމައިލާފައިވަނީ ލީގު ކާމިޔާބުކުރި ޗެލްސީ ވިމެންއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ޖަހާފައިވާ ގޯލުގެ ތަފާތުން ދެވަނައިގައި އޮވެގެންނެވެ.
އެވާޑު ލިބުމުން ޝޯ ބުނީ، މި އިނާމު ލިބުމުން ފަހުރުވެރިވާ ކަމަށެވެ.
ޝޯވަނީ އޭނާއަށް މި އިނާމު ލިބުމުގައި އެހީތެރިވެދިން، ސިޓީގައި އެއްކޮށް ކުޅޭ ހުރިހާ ކުޅުންތެރިންނާއި ކޯޗުންނަށް ޝުކުރު އަދާކޮށްފައެވެ. ޝޯ ބުނީ، އެ ފަރާތްތަކުގެ އެހީތެރިކަން ނުލިބުނު ނަމަ އޭނާއަށް މި އިނާމު ހާސިލު ނުކުރެވުނީސް ކަމަށެވެ.
ޕީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ފުރަތަމަ ފަހަރަށް ހާސިލުކުރި ޝޯވަނީ ވިމެން ސުޕާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި ވިމެންސް ފުޓްބޯލް އެވާޑްގައި ވެސް އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައެވެ.
މި ފަހަރުގެ އިނާމަށް ޝޯއާ ވާދަކުރި ކުޅުންތެރިންގެ ތެރޭގައި އޭނާއާ އެކު އެއް ޓީމަކަށް ކުޅެމުންދާ ޔުއި ހަސެގާވާ، ލޯރެން ހެމްޕް އަދި ޗެލްސީގެ ތިން ކުޅުންތެރިން ކަމުގައިވާ ލޯރެން ޖޭމްސް، އެރިން ކުތުބާޓް އަދި ނިއާމް ޗާލްސް ހިމެނުނެވެ.
މިފަހަރު ޕީއެފްއޭއިން ހޮވާ އަހަރުގެ އަންހެން ޒުވާން ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑް ވިމެންގެ ގްރޭސް ކްލިންޓަންއެވެ. ނަމަވެސް، މިދިޔަ ސީޒަން އުމުރުން 21 އަހަރުގެ ކްލިންޓަން ހޭދަކޮށްފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޓޮޓްނަމް ހޮޓްސްޕާ ވިމެންގައެވެ.