21 Aug 2024, 08:51
ބޮލީވުޑްގެ އުންމީދީ ޒުވާން ބަތަލާ އަނަނިޔާ ޕާންޑޭގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒް "ކޯލް މީ ބޭ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
އަނަނިޔާ "ކޯލް މީ ބޭ'ގައި ކުޅޭ ރޯލާ ބެހޭގޮތުން ބަތަލާ ބުނެފައިވަނީ، އެއީ ޒުވާނުންގެ މެދުގައި މަގުބޫލުވި 'ނެންސީ ޑްރޫ' ވާހަކަ ސީރީޒްއާއި ކެނޭޑިއަން ޓީވީ ސީރީޒް 'ޝިޓްސް ކްރީކް' އަދި އެމެރިކަން ޓީން ކޮމެޑީ 'ކްލޫލެސް' ސީރީޒްގެ މިކްސްއެއް ކަމަށެވެ.
"ކޯލް މީ ބޭ"ގެ ބައެއް ސީންތަކުގައި އޭނާއަކީ ކަރީނާ ކަޕޫރުގެ މަޝްހޫރު ކެރެކްޓަ 'ޕޫ' ކަމަށް ވެސް އިހުސާސް ކުރެވުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އަނަނިޔާގެ ވެބް ސީރީސް 'ކޯލް މީ ބޭ'ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމަކަށް ވަގުތު ދިނުމާ ޚިލާފަށް ވެބް ސީރީޒްގެ މަންޒަރުތައް ނެގުމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެވޭ ކަމަށާއި މިއީ މުޅިން އާ ތަޖުރިބާއެއް ކަމަށް އަނަނިޔާ ވަނީ ބުނެފައެވެ. މި ވެބް ސީރީޒްގެ ޓްރެއިލާއިން އަނަނިޔާގެ މުއްސަނދި ދުނިޔޭގެ ދިރިއުޅުން ދައްކުވައިދޭއިރު އެއީ މުޅިން ވެސް ހުވަފެނީ ދުނިޔެއެއްގެ ގޮތަށް ސިފަވާ ކަމަށް ބެލުންތެރިންގެ ތެރެއިން އެއް ބަޔަކު ވަނީ ބުނެފައެވެ.
އަނަނިޔާގެ އިތުރުން ވިރާސް ދާސް އަދި ވަރުން ސޫދު މުހިއްމު ރޯލުތަކަކުން ފެންނާނެ "ކޯލް މީ ބޭ" އަކީ ދަރުމާ ކުންފުނީގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓަށް ކޮލިން ޑި ކަންހާ ޑައިރެކްޓްކޮށްފައިވާ ސިރީޒްއެކެވެ.
މި ސީރީޒް ޕްރިމިއާކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެމޭޒަން ޕްރައިމްގައެވެ.
އަނަނިޔާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ނެޓްފްލިކްސްގައި ޕްރިމިއަކުރި ފިލްމު "ކޯ ގަޔޭ ހަމް ކަހާ"އިންނެވެ.