އިންޖީނު މައްސަލައެއް ޖެހުމުގެ ސަބަބުން އޭގެ ފަޅުވެރިން ކަނޑުމައްޗަށް ދޫކޮށްލާފައިވާ، ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ ސަމާލުވާން އަންގައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ވަނީ، ހއ.ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން ސްރީލަންކާގެ މަސްބޯޓެއް އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާކަމަށެވެ.

މިއީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށްވާތީ މި ބޯޓު އޮޔާއެކު ރާއްޖެއަށް ކައިރިވާނެކަމަށް އެމްއެންޑީއެފުން ލަފާކުރެއެވެ.

އެހެންކަމުން މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

މިރެއާއި މާދަމާ ވެސް އުތުރަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.