ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އަށް ޞިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އެންޑީއެމްއޭއިން ހަދިޔާކުރި ޞިއްޙީ ސާމާނުގެ ތެރޭގައި 49 ބާވަތެއް ހިމެނޭއިރު، އޭގެތެރޭގައި ހޮސްޕިޓަލް ވޯޑުގައި ބޭނުންކުރާ އާލާތްތަކާއި، އޮޕަރޭޝަން ތިއޭޓަރުގައި ބޭނުންކުރާ އާލާތްތަކާއި، އެނދުމަތިކޮށްފައި ތިބޭ ބަލިމީހުން މޮނިޓާކުރާ މެޝިނާއި، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި، ބޮޑީ ކަވާ ފަދަ ސާމާނު ހިމެނޭ ކަމަށެވެ.

މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، އެންޑީއެމްއޭގެ ފަރާތުން އެމްއެންޑީއެފަށް ސާމާނު ހަދިޔާކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ޑިފެންސް، އާއިޝަތު ޞަފޫރާއެވެ.

އަދި، އެމްއެންޑީއެފުން އެ ސާމާނާ ހަވާލުވެލެއްވީ އެމްއެންޑީއެފް މެޑިކަލް ކޯގެ ސާޖަން ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޑރ. ޢަލީ ޝާޙިދު މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ޑިފެންސް، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މީގެ އިތުރުން މިނިސްޓާ އޮފް ޑިފެންސްގެ ނައިބު، ފާޠިމަތު މިޒުނާ ޢަލީއާއި، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް، ޙިސާން ޙަސަންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވެސް ވަނީ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.