"އެއިޑްސް…." އިޝްފާންގެ އަޑު މަޑުވިއެވެ.

"އިޝްފާން… އެޗްއައިވީގެ ވައިރަސްއަށް އެންޓިރެޓްރޯވައިރަލް ޓްރީޓްމެންޓް އޮޕްޝަންސްތައް ވެސް ހުރޭ… އެގޮތަށް ބޭސް ނަގަން ފެށީމަ ވަކި މުއްދަތެއް ތެރޭގަ ހަށިގަނޑުގެ ތެރޭގައި ހުންނަ ވައިރަލް ލޯޑް އަނެކާއަށް ޕާސް ނުކުރެވޭ ވަރަށް ދަށްކޮށްލަދޭ…" ސަވާ އެހެން ބުނެލުމާއެކު، އިޝްފާން ސަވާއަށް ބަލާލީ ކަރުނައިން ފުރިގެންވީ ނަޒަރަކުންނެވެ.

"ދޮންތަ ހީކުރީ އަހަރެން މި ބައްޔާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުކިޔާކަމަށްތަ؟ ތިކަންވެސް އަހަންނަށް އެނގެޔޭ! އެކަމަކު… ތި ކަމަކުން އަހަރެންގެ ހަށިގަނޑުން ބައްޔެއް ނުފިލާނެއެއްނު. މިހާރު ހިތަށް އަރާ ރައްޓެހިންނާއެކު އެއްސިރިންޖެއް ޝެއާރ ނުކުރެވުނު ނަމައޭ… އޭރު މިކަހަލަ ބައްޔެއް ޖެހިދާނެކަމަށް ނުވިސްނުނީ…އެޗްއައިވީއަށް އަހަރެންގެ ހަށިގަނޑު އެކްސްޕޯސްވި ވަގުތު އެނގުނު ނަމައޭ ވެސް ހިތަށްއަރާ.. އޭރުން އަހަންނަށް ޕޯސްޓް އެކްސްޕޯޝަރ ޕްރޮފޮލެކްސިސް ވެސް ނެގުނީސް. 72 ގަޑިއިރު ތެރޭގައި އެ ނަގައިފިނަމަ އެޗްއައިވީން ސަލާމަތްވުމަށް ވަރަށް ބޮޑަށް އެހީތެރިވެދާނެކަން އަހަންނަށް އެނގުނީވެސް މާ ފަހުން…" އިޝްފާންގެ އަޑުން އޭނާ އެކަމާ ދެރަވެ ހިތާމަ ކުރާ މިންވަރު ދޭހަވެއެވެ. ސަވާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު ހުރެވުނު ނަމަވެސް، އިރުކޮޅަކުން އޭނާ އިޝްފާންއާ ވާހަކަ ދައްކަން ފެށިއެވެ.

"މިހާރުވެސް ނެގޭނެ ޓްރީޓްމެންޓް އޮޕްޝަންސްތައް އެބަހުއްޓެއްނު. އެކަން އެނގި ހުރެ ފަރުވާ ކުޑަކޮށްފިނަމަ އަމިއްލަ ހަށިގަނޑަކަށްނު އިހުމާލު ވެވޭނީ…" ސަވާ ބުނެލިއެވެ.

"އަހަރެން ޤަވައިދުން ޓްރީޓްމެންޓް ނަގާ ގައިވައިދުން ޓެސްޓް ހަދާނަމަ ނަމަ ދޮންތަ ތިބުނާގޮތަށް ވެދާނެ. އެކަމަކު އަހަރެންގެ ހަށިގަނޑުގައި އެޗްއައިވީ ވައިރަސް ހުރެ ހުރެ ވަނީ އެއިޑްސްއަށް ބަދަލުވެފައޭ… އެހެންވީމަ ކިތަންމެ ޕްރިކޯޝަންތަކެއް ނެގިޔަސް އަހަރެންގެ ފަރާތުން އެހެންމީހަކަށް ވައިރަސް ޓްރާންސްފަރ ކުރެވުމުގެ ޗާންސްވެސް ހައިއޭ… އަހަރެން، އަހަރެންގެ ޙަޔާތުން ޒައިނާއަށް ފުރުސަތެއް ނުދޭނަން. އެއްވެސް ރިސްކަކަށް ޒައިނާ ހުށައަޅާކަށް ބޭނުމެއް ނޫން… އަހަންނަށް ހީވާކަހަލަ އަހަރެންގެ ޙަޔާތުގަ ދެން މާގިނަ ދުވަހެއް ނެތޭ… " އިޝްފާންއަށް އޭނާގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތައް ރަނގަޅަށް ފާހަގަކުރެވެއެވެ. އޭނާގެ ހަށިގަނޑު ބަލިކަށިވެފައިވާ މިންވަރުވެސް މެއެވެ.

"ތިހެން ބުނާކަށް ނުވާނެ އިޝްފާން…" ސަވާ އެހެން ބުނެލިއިރު އޭނާގެ އަޑުގައި މަޑުމަޑު ތުރުތުރު އެޅުމެއް ވެއެވެ. އިޝްފާންއަށްޓަކައި އޭނާގެ ހިތުގައިވި ރިހުންތަކުގެ ސަބަބުން ސަވާގެ ނަފްސަށް އުނދަގޫވެފައިވާއިރު، އޭނާގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ.

"މީ ހަޤީޤަތް ދޮންތާ!" މާޔޫސްވެފައިވާ އިޝްފާން ބުނެލިއެވެ. ސަވާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ހިމޭންކަން ޚިޔާރުކޮށްގެން ހުއްޓާ އިޝްފާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އެކަމަކު އަހަރެން ޓްރީޓެމެންޓް ނަގާނަން. ޖަސްޓް… ޒައިނާއާ ކައިވެންޏެއް ނުކުރެވޭނެ. ސީ ޑިޒާވްސް ސަމްވަން ބެޓަރ ދެން މީ… އަހަންނަށް މިހެން ވީ އަހަރެންގެ ސަބަބުން. އައި ރިގްރެޓް މިހާރު ޒައިނާއަށް އުންމީދުތަކެއް ދެވުނީމަ. އަހަރެންގެ ފަރާތުން އެކަހަކަ އިޝާރާތްތަކެއް ނުވާނަމަ އޭނަގެ ހިތުގައި އަހަންނާ މެދު އެހާ ފުން އިޙްސާސްތަކެއް ނުއުފެދުނީވެސް. އޭގަ ޒައިނާއަށް ވުރެ ވެސް ބޮޑަށް އަހަރެން ކުށްވެރިކުރަނީ އަހަރެންގެ އަމިއްލަ ނަފްސު." ހިިތާ މުޅި ނަފްސުގައި އުފެދެމުން ދިޔަ ކުށްވެރި އިޙްސާސުން ބަރުދާސްތުކުރަން ދަތި ވޭނެއް އިޝްފާންއަށް ލިބެމުން ދިޔައެވެ. ޒައިނާގެ އުފަލަކީ އޭނާގެ އުފަލެވެ. ޒައިނާއަށް ލިބޭ ކޮންމެ ހިތާމައެއް ފިލުވައިދޭން އޭނާ ބޭނުންވެއެވެ. އުމުރު ދުވަހު ޒައިނާއަށް ހިމާޔަތް ދޭން ބޭނުމެވެ. އެހެންނަމަވެސް، ތަޤުދީރާ ޖަދަލުކުރާނީ ކިހިނެއްހެއްޔެވެ؟ މި ދުނިޔޭގައި ދުވަހަކުވެސް ޒައިނާ އޭނާގެ މީހަކަށް ނުވާނެއެވެ. އޭނާ، އޭނާގެ ލޯބި ޤުރުބާން އެ ކުރަނީ ޒައިނާގެ މުސްތަޤްބަލަށް ވިސްނާފައެވެ. ޒައިނާއަށް ހެޔޮގޮތް ވުމަށް އެދިއެވެ. ޒައިނާގެ ހިތުގައި އޭނާއަށްޓަކައި އުފެދިފައިވާ ލޯބި ފަނޑުވެގެން ދިޔުމަކީ އޭނާގެ ހިތުގެ އެދުމެވެ. އެކަމަކު އޭނާއަކަށް އެ ހިތުން ޒައިނާއަށް ދެވިފައިވާ ލޯބި ފުހެއެއް ނުލެވޭނެއެވެ. ޒައިނާއަށްޓަކައި އޭނާގެ ހިތުގައިވާ މަޤާމުވެސް އެހެން މީހަކަށް ނުދެވޭނެއެވެ. ޒައިނާއަކީ އޭނާގެ ހިތުގެ ރާނީއެވެ. ޒައިނާ ނޫން އެހެން އަންހެނެއްގެ ނަން ދުވަހަކު އޭނާގެ ހިތު ތެރޭގައި ނުފެވޭނެއެވެ. ޒައިނާއަށްޓަކައި ލޯބީގައި ޤުރުބާންވާންވެސް އިޝްފާން ހުރީ ތައްޔާރަށެވެ. ޖާނާ މާލުން ޤުރުބާންވާން ވެސް ތައްޔާރަށެވެ. ނުކުރެވޭނެ ކަމަކީ ހަމައެކަނި ޒައިނާއާ ކައިވެނިކުރުމެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީ މިއަދު އޭނާގެ މަޖުބޫރީ ޙާލަތެވެ.

އިޝްފާންގެ ވާހަކަތަކަށް ބޯ ޖަހާލި ސަވާ އޭނާގެ ކަރުނަތައް ފުހެލިއެވެ.

"ދޮންތަ އަހަންނާ ދޭތެރޭ ކަންބޮޑުނުވޭ! އަހަރެން ދެން ދުވަހަކުވެސް އިރާދުކުރެއްވިއްޔާ ޑްރަގް ބޭނުމެއް ނުކުރާނަން." އިޝްފާން ސަވާއަށް ޔަޤީންކަން ދިންއިރު، އޭނާ އަމިއްލަ ނަފްސަށް ވައުދުވިއެވެ.

"ވަރަށް އުނދަގޫވާނެ…" ސަވާ މަޑުމަޑުން ބުނެލިއެވެ.

"އުނދަގޫވާނެ! އެކަމަކު އިމްޕޮސިބަލްއެއް ނޫނެއްނު. އަހަންނަށް އެނގޭ ހުއްޓާލީމަ ވިތްޑްރޯވަލް ސިމްޕްޓަމްސް އަންނާނެކަން. ބަލިވާނެކަންވެސް އެނގޭ. އެއަށް އިތުރަށް ބޭނުންވާނެކަންވެސް އެނގޭ. އެކަމަކު އަހަންނަށް އަހަރެންގެ ފަރުވާ ވެސް އެނގިއްޖެ. އަހަރެންގެ ހިތަށް ފިނިކަން ލިބޭނެ ގޮތްވެސް އެނގިއްޖެ. ނަމާދުކުރީމަ ހިތަށް ލިބުނު ހިތްހަމަޖެހުން އެހެން ކަމެއްކޮށްގެން ދުވަހަކުވެސް ނުލިބޭ…" އިޝްފާންގެ ވާހަކަތަކުން ސަވާ އުފާވިނަމަވެސް، އޭނާއަށް ރޮވޭ ގޮތްވިއެވެ. އުފަލާއި ހިތާމައާއި ބުނަން ނޭނގޭ ޖަޒުބާތުތަކެއް އެއްވެ ހަށިގަނޑުގެ އެތެރޭގެ ހުރިހާ އިޙްސާސްްއެއް ހަމަބޮލިކޮށްލައިފިއެވެ.

"އައި..އެމް..ސޯ… ހެޕީ…" ރޮމުން ރޮމުން ސަވާ އެހެން ބުނެލުމާއެކު، އިޝްފާން ތެދުވެގެން އައިސް ސަވާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އަދި އޭނާ ލޯތްބާއެކު ސަވާގެ ކަރުނަތައް ފުހެދިނެވެ.

"ތި ކަހަލަ ދޮންތައެއް ކޮންމެ މީހަކަށްވެސް ލިބޭނެނަމަ…" އިޝްފާންއަށް ބުނެވުނެވެ. "ދެން ރުއިން ހުއްޓާލަބަލަ!."

"މަންމަވެސް ވަރަށް އުފާވާނެ. މަންމަ އިޝްފާންއާ ދޭތެރޭ ހާދަ ކަންބޮޑުވެފައޭ ހުންނަނީ.." ސަވާއަށް ބުނެވުނެވެ.

"އޯކޭ އޯކޭ އޭ… ދެން ހުއްޓާލަބަ! ބުނެބަލަ ކައިފިންތަ މިރޭ؟" ސަވާގެ ރުއިން ހުއްޓުވޭތޯ އިޝްފާން މައުޟޫ ބަދަލުކޮށްލިއެވެ. ސަވާ ދެފަރާތަށް ބޯ ހޫރާކަމުން ނޫނެކޭ ބުނެލިއެވެ.

"ހިނގާބަލަ ދެން." އެހެން ބުނެލާފައި އިޝްފާން ސަވާ ގޮވައިގެން ހިނގައިގަނެފައި ކަމެއް ހަނދާންވާ ފަދައަކުން މަޑުޖެހިލިއެވެ.

"ޒައިނާ ކައިފިތަ؟" އިޝްފާން ޒައިނާ މަތިން ހަނދާންވުމާއެކު، ސަވާއަށް ބަލާލިއެވެ.

"ނޫން. ނުކާނަމޭ ބުނީ…" އެހެން ބުނެލާފައި ދެންމެ އޭނާއާ ޒައިނާ ދެކެވުނު ވާހަކަ ސަވާ އިޝްފާންއާ ހިއްސާކޮށްލިއެވެ. ސަވާގެ ވާހަކަތައް އަޑު އެހުމަށްފަހު އިޝްފާންއަށް ނިތުގައި އަތް ހިންގާލެވުނެވެ. ޒައިނާއާ މެދު ވަރަށް ފުންކޮށް ވިސްނާލަން އޭނާއަށް މަޖުބޫރުކުރުވިއެވެ. ޒައިނާގެ ހިތުގައި އޭނާއާ މެދު އުފެދިފައިވާ ލޯބި އޭނާއަށް އަންދާޒާކޮށްލެވުނެވެ. އޭނާއަކީ ޤާތިލެއްކަން އެނގުމަށްފަހުވެސް ޒައިނާގެ ހިތުގައި އޭނާއާ ދޭތެރޭ ވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. އެހިތުގައި ނަފްރަތުގެ ކުޑަ މިންވަރެއްވެސް އޭނާއާ ދޭތެރޭ ނުވެއެވެ. އެކަމަކު އޭނާ ޒައިނާއަށް ފުރުސަތު ދޭނީ ކިހިނަކުން ހެއްޔެވެ؟ ޒައިނާއަށް ހަޤީގަތް ހާމަކޮށްފައި ޒައިނާއާ ދުރަށް ދާން ވީ ހެއްޔެވެ؟ ޒައިނާއާ ވަކިވާން ވީ ހެއްޔެވެ؟

"ބުނަންވީނު ޒައިނާ ކައިރީގައި ކާން އަންނަން… އަހަރެން މަޑުކޮށްފާނަން." އޭނާއާ އެއް މޭޒެއްގެ ދޮށުން ކެއުމަކީ ޒައިނާއަށް ފަސޭހަކަމަކަށް ނުވާނެކަން ވިސްނި އިޝްފާން ބުނެލުމުން، ސަވާ އާއެކޭ ބުނެލާ ކޮޓަރިން ނުކުމެގެން ގޮސް ބޭރު ބަލާލިއެވެ. ބޭރު ޖޯލީގައި ޒައިނާ ނެތުމުން އޭނާ ކޮޓަރި ވެސް ބެލިއެވެ. ފާޚާނާގައިގަވެސް ޒައިނާއެއް ނެތެވެ. އެހެންކަމުން ސަވާ ހާސްވާގޮތްވިއެވެ. ފޯނު ނަގާ ޒައިނާގެ ނަންބަރަށް ގުޅާލިއެވެ. ދެފަހަރަކު ގުޅިފަހުން ޒައިނާ ފޯނު ނަގާފައި ވާހަކަ ދެއްކިއެވެ.

"ހެލޯ…" އެ އަޑު މަޑުވެފައި މަޑުމޮޅިކަމެއް ވެއެވެ.

"ޒައިނާ… ކޮންތާކު؟ މި ރޭގަނޑު ކޮންތާކަށް ތި ދިޔައީ؟" ޒައިނާ ވަންނާނެ ތަނެއް އެ ރަށުގައި ނުހުންނާނެކަން އެނގޭތީ ސަވާ ހާސްވިއެވެ. އަނެއްކާ ނިހާދުގެ އުނދަގޫ ޒައިނާއަށް ޖެހުނީބާއޭ ވެސް އޭނާގެ ހިތަށް އެރިއެވެ. އޭނާ އެހާ ކަންބޮޑުވީވެސް އެހެންވެގެންނެވެ.

"ސޮރީ ނުބުނެ ނުކުމެވުނީމަ… އަހަރެން ބޭނުމީ އެކަނިވެލަން. އެހެންވެގެން އާދެވުނީ…" ޒައިނާ ބުނެލިއެވެ. ހަޤީގަތުގައި އޭނާ ސަވާގެ ފޯނަށް ޖަވާބު ދިނީ ސަވާ ކަންބޮޑުވެގެން އަނެއްކާ ނިހާދުމެން ގެއަށް ގޮސްފާނެތީއެވެ. އެހެން ނޫނަމަ ސަވާގެ ފޯނަށް ވެސް ޒައިނާ ޖަވާބެއް ނުދޭނެއެވެ.

"އޯކޭ… ޓޭކް ކެއަރ އިނގޭ…" ޒައިނާ ވާހަކަ ދައްކަމުން ދިޔައިރު ރާޅުޖަހާ އަޑާ ވައިގެ އަޑު ކޮންމެވެސް ވަރަކަށް އިވޭތީ އޭނާ އެހުރީ ގޮނޑުދޮށާ ކައިރި ސާބެއްގައިކަން ސަވާއަށް އެނގުނެވެ. ޒައިނާ ގެއަށް ގެންނަން އޭނާ އެހާ ވަރުން ނޫޅުނީ ޒައިނާއަށް އެކަނި ވަގުތު ކޮޅެއް ދިނުމުގެ ބޭނުމުގަ އެވެ. ޒައިނާ އަކީ ގޯސް ފިޔަވަޅެއް އަޅާނެ ކުއްޖެއް ނޫންކަން އޭނާއަށް އެނގޭތީއާވެސް އެކުގައެވެ. އެހެންކަމުން ޒައިނާއަށް އެ ވަގުތު ދީފައި އޭނާ ބަތް ކާންވެގެން އިޝްފާންއަށް ގޮވިއެވެ.

އިޝްފާން ނުކުމެ އެންމެ ފުރަތަމަވެސް ސުވާލުކުރީ ޒައިނާއާ ބެހޭގޮތުންނެވެ.

"ޒައިނާ ކޮބާ؟" އިޝްފާން ސުވާލުކޮށްލިއެވެ.

ސަވާ ވީގޮތް އިޝްފާންއަށް ކިޔައިދިނުމުން އޭނާ ވެސް ނުތަނަވަސްވިއެވެ.

"ކީއްވެ ނުބުނީ އޭނާގެ ކައިރީގައި ގެއަށް އަންނަން؟" މާ ބޮޑު އިތުރު ވިސްނުންތަކަކާ ނުލާ އިޝްފާންއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ރުޅިއައިސްގެނެއް ނޫނެވެ. އެހެންނަމަވެސް ޒައިނާއާ މެދު ހާސްވީ ވަރުންނެވެ.

"ރިލެކްސް… ޒައިނާ ގޯސްކަމެއް ނުކުރާނަޔޭ… ޝީ ޖަސްޓް ނީޑްސް ސަމް ޓައިމް… އޯކޭ… ރިލެކްސް…" ސަވާ އިޝްފާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"އެކަމަކު…." އިޝްފާންގެ ވާހަކަ ހުއްޓުނީ ސަވާ ދެލޯ މަރާލާ ބޯ ޖަހާލުމުންނެވެ. އެ އިޝާރާތް އޭނާއަށް އިޝްފާންގެ ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތުތައް އެނގެޔޭ ބުނާ ކަހަލައެވެ.

"އިޝްފާން! އޭނައަށް ވަގުތުކޮޅެއް ބޭނުންވަނީ އޭ… މީ އޭނާގެ ގެއެއް ނޫނެއްނު. އެހެންވީމަ ހަމަޖެހިލައިގެން ވިސްނާލަން ބޭނުންވަނީކަމަށް ވެސް ވެދާނެ. އިރުކޮޅެއް ބަލާފަ މާ ލަސްވަންޏާ ވީ ކޭން ގޯ އޭ އޭނަ ކައިރިއަށް." ސަވާއަށް އިޝްފާންގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

"ދޮންތައަށް އެނގޭތަ ޒައިނާ ދިޔަ ތަނެއް؟" އިޝްފާން ސަވާއަށް ބަލާލަމުން އަހާލިއެވެ.

"ނޭނގެ. އެކަމަކު ބީޗާ ކައިރިތަނެއްގައިކަން އެނގޭ. ކޮންމެވެސް ވަރަކަށް ރާޅު ޖަހާ އަޑު އިވޭހެންވެސް ހީވޭ. ވައިގެ އަޑުވެސް ހުރި…" ސަވާ ބުނެލިއެވެ.

ސަވާއާއެކު ގޮސް ކާން އިށީންއިރުވެސް އިޝްފާންގެ ޚިޔާލުގައިވަނީ ޒައިނާއެވެ. ކަންތައްތަކާ ފިކުރުބޮޑުވަމުން ދިޔުމުގެ ސަބަބުން އޭނާ ކާހިތެއްވެސް ނުވިއެވެ. އެންމެފަހުން ތައްޓަށް އެޅި އެއްޗެހި ބަހައްޓާފައި ފެންތަށި ބޯލިއެވެ. ކާހިތް ނުވެފައި އިން ސަވާއަށްވެސް ކެވުނީ ވަރަށް ކުޑަކޮށެވެ. އިޝްފާންއާ ޒައިނާގެ ޙާލު އެގޮތަށް ހުރިއިރު އޭނާގެ އަރުތެރެއިން ވަކި އެއްޗެއް ދިރޭނީ ކިހިނަކުން ހެއްޔެވެ؟

ތަށިތައް ނަގާ މޭޒުމަތި ސާފުކޮށްފައި ސަވާއާ. އިޝްފާންއާ ދެމީހުން ގޮސް ސިޓިން ރޫމު ސޯފާގައި އިށީނދެލިއެވެ.

"އިޝްފާން! މަންމައަށް ނުގުޅާނަންތަ؟" ޓީވީ އަޅުވާލާފައި އިޝްފާން ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިންތާ އިރުކޮޅެއްފަހުން ސަވާ ސުވާލުކޮށްލިއެވެ.

"އައި ޑޯންޓް ނޯ… އައި ހޭވް ހާރޓް ހާރ ސޯ މަޗް. މަންމައަށް ގުޅައިގެން ވާހަކަ ދައްކާނެހާ ހިތްވަރެއް ނެތް." ޓީވީގެ އަޑު މަޑުކޮށްލަމުން އިޝްފާން ބުނެލިއެވެ.

"މަންމަގެ ހިތުގައި އިޝްފާން އާ ދޭތެރޭ އެއްވެސް ރުޅިވެރިކަމެއް، ނަފްރަތެއް އަދި ޝަކުވާއެއް ވެސް ނެތޭ… ޖަސްޓް ކޯލް ހާރ…" ސަވާ ހިތްވަރު ދިނީ އިޝްފާން ދެރަވެފައި އިން ވަރު އޭނާއަށް އަންދާޒާކޮށްލެވުމުންނެވެ.

"އަހަރެން ކުރިން ދުވަހަކު މަންމައަށް ގުޅިން. މަންމަ ވާހަކަ ދެއްކުމުން އަނގައިން ބުނާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނު." އިޝްފާން އެ ދުވަހުގެ ހަނދާންކުރަމުން ބުނެލުމާއެކު އިސްޖަހާލިއެވެ.

"ބިކޯސް ބައްޕަގެ ކުށުގެ ސަޒާވެސް އަހަންނަށް ދެވުނީ މަންމައަށް…." އިޝްފާން އިތުރުކޮށްލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ހަށިގަނޑުގައި އުފެދުނު އުދާސްތައް ނޭވާއާއެކު ބޭރުވާނެނަމަ ހާދަ ރަނގަޅޭ އޭނާގެ ހިތަށް އެރިއެވެ.

"ގުޅާފަ މާފަށް އެދޭވެނެ. މަންމަގެ ހިތުގައި އިޝްފާންއާ ދޭތެރޭ އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނެތޭ މިބުނީނެއްނު. އިޝްފާން ގުޅައިފިއްޔާ މަންމަ ވަރަށް އުފާވާނެ." ސަވާ އެހެން ބުނެލުމާއެކު ލުއި ހިނިތުންވުމެއް އިޝްފާންއަށް ހަދިޔާކޮށްލިއެވެ.

"އަހަރެން ގުޅާފަ މިރަށަށް އަންނަން ބުނެފިއްޔާ މަންމަ އަންނާނަންތަ؟ ކީއްވެކަމެއް ނޭނގެ ފަތުޙީގެ ކުރިމައްޗަށް އަރާކަށް ބޭނުމެއް ނޫން." އެއިން ގޮތަށް އިނދެ އިޝްފާން ބުނެލިއެވެ. އިޝްފާންގެ އެ ވާހަކައިން ސަވާ އުފާވިއެވެ. އޭނާ މަދީހާއަށް ގުޅުމަށް އިޝްފާންއަށް ހިތްވަރު ދިނެވެ.

ގަޑިން ދިހަ ގަޑިބަޔަށް ވުރެ ބޮޑު ވިއިރުވެސް އިޝްފާންއާ ސަވާއާ ދެމީހުން ތިބީ ސިޓިން ރޫމުގައެވެ. ޒައިނާ ގެއަށް ނައިސް ލަސްވެގެން ސަވާ ޒައިނާއަށް ގުޅުމުން މިފަހަރު ފޯނެއް ނުނަގައެވެ. އެގާރަ ޖަހަން ކައިރިވެފައި ހުއްޓާ ޒައިނާ ހޯދަން ދާންވެގެން ނުކުންނަން ސަވާ އުޅުމާއެކު އެކަމަށް އިޝްފާން ހުރަސްއެޅިއެވެ. ސަވާކައިރީގައި މަޑުކުރަން ބުނެފައި ޒައިނާ ހޯދަން ނުކުތީ އޭނާއެވެ.

އިޝްފާން ފުރަތަމަ ދިޔައީ ރަޑުގެ ބީޗަށެވެ. އެތަނުގައި ޒައިނާ ނެތުމުން ބަނދަރާ ދިމާލުގައި ހުރި ގަސްތަކެއްގައި އެލުވާފައި ހުރި ޖޯލިތަކާ ދިމާލަށް އޭނާ މިސްރާބުޖެހިއެވެ. ކައިރިވީ ވަރަކަށް ޖޯލީގައި މީހަކު އޮތްކަން އޭނާއަށް ފާހަގަވުމާއެކު، ލަސްވިޔަވަޅުތަކެއްގައި ގޮސް އޭނާ އެ ހިސާބާ އަރާ ހަމަކުރިއެވެ. ތަނުގައިވި މަޑު އޮރެންޖް ކުލައިގެ ލައިޓްތަކުގެ ސަބަބުން ޒައިނާކަން އިޝްފާންއަށް ދެނެގަނެވުއެވެ. އެއާއެކު އޭނާ ޒައިނާ އޮތް ޖޯލި ކައިރިއަށް ގޮސް ހުއްޓުނެވެ. ލޯ މަރާލައިގެން އޮތް ޒައިނާގެ ލޮލުގެ ހިމަކޮޅުން ފައިބާފައިހުރި ކަރުނައިގެ ރޮނގު އޭރުވެސް ހުރީ ތެތްކޮށެވެ. ނޭފަތް ދަމާލަމުން ތުންފަތުގައި ދަތް އަޅާލިތަން ފެނިފައި ޒައިނާ ރޮނީކަން އިޝްފާންއަށް ޔަޤީންވިއެވެ. އެއާއެކު އޭނާގެ ހިތް ހީވީ ތޫނު ހަންޖަރަކުން ޒަޚަމްކޮށްލިހެންނެވެ. ޒައިނާގެ މޫނުމަތީގައިވި ހިތާމައިގެ އަސަރުތައް އޭނާގެ ހިތް ފޮތިފޮތިކުރަން ފެށިއެވެ. ޒައިނާގެ ރުއިމުގެ ސަބަބުން އޭނާގެ ހިއްސުތަށް ވެސް ހީވީ ގަނޑުވިހެންނެވެ. އެ ކަރުނައިން ޒައިނާއަށްކޮށްފައިވާ އަސަރު އޭނާއަށް ފާހަގަވިއެވެ. ލޯ މަރާލައިގެން އޮތްނަމަވެސް، ލޯ ކައިރީގައި ހުރި ދުޅަކަމާއި ތެމިފައިވި އެސްފިޔަތަކުގެ ސަބަބުން ޒައިނާގެ ހިތުގައި އަޅަމުން ދިޔަ ވޭންވެސް އިޝްފާންއަށް އަންދާޒާކޮށްލެވިއްޖެއެވެ. އެ މޫނަށް ބަލަހައްޓައިގެން އޭނާއަށް އިރުކޮޅަކު ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ކުރެވުނު ކުށްވެރި އިޙްސާސްގެ ސަބަބުންނެވެ. ޒައިނާގެ އެ ޙާލުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި އޭނާ އެވެ. އެހެން އެއްވެސް މީހެއް ނޫނެވެ. ޒައިނާ އެ ޙާލަަތަށް ވެއްޓި ހިތާމައިގައި ޣަރަޤުވަމުން އެ ދަނީ ޚުދު އޭނާގެ ސަބަބުންނެވެ.

ފުން ވިސްނުމެއްގައި ޒައިނާ އޮތްއިރު، މީހަކު އައިސް އެތަނަަށް ހުއްޓުނުކަމެއްވެސް އޭނާއަކަށް ރޭކާއެއް ނުލިއެވެ. ސިހުނީ ކޮނޑުގައި މީހަކު އަތް ޖައްސާލުމުންނެވެ.

(ނުނިމޭ)