25 Jun 2012, 13:09
ގެވެށި އަނިޔާގެ 148 މައްސަލަ މިދިޔަ އަހަރު ހުށައެޅި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށާއި އެއީ އޭގެ ކުރީ އަހަރަށް ވުރެ 43 ޕަސެންޓް އިތުރު އަދަދެއް ކަމަށް ފުލުސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ފެއްޓެވި ކެމްޕޭން "ޔުނައިޓް ޓް އިންޑް ވަޔަލެންސް އެގެއިންސްޓް ވޮމެން" އާ ބެހޭ މައުލޫމާތު ހިއްސާ ކުރަން މިއަދު ފެށި ފޯރަމްގައި ކޮމިޝަނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް ވެސް ގެވެށި އަނިޔާގެ 68 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ އަހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރާއްޖޭގައި އޮތް މިންވަރު ރަނގަޅަށް ދެނެގަނެވޭ އަދަދުތަކެއް ނޫން ކަމަށެވެ.
~
"... ތަފާސް ހިސާބު ތަކުން ދައްކަނީ 2011 ވަނަ އަހަރު ގެވެށި އަނިޔާގެ 148 މައްސަލަ ހުށައެެޅިފައިވާ ކަމަށް، މިއީ 2010 ވަނަ އަހަރާ އަޅާ ބަލާއިރު 43 ޕަސެންޓް އިތުރު އަދަދެއް، މިއަހަރު މިހާތަނަށް ގެވެށި އަނިޔާގެ 68 މައްސަލަ ވަނީ ހުށައެޅިފައިވޭ މި އަދަދު ތަކަކީ މިކަމުގެ ހަގީގަތް ރަނގަޅަށް ދެނެގަނެވޭ އަދަދުތަކެއް ނޫން، އެފަދަ އެތައް މައްސަލައެއް ރިޕޯޓް ނުކުރެވި ދާކަން އަޅުގަނޑުމެންނަށް އިނގޭ،" ގެވެށި އަނިޔާގެ މައްސަލަތަކާ ބެހޭ ތަފުސީލެއް ކޮމިޝަނާ ދެއްވި އެވެ.
ރިޔާޒް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ނުކުރެވި ދަނީ އާއިލީ ފިއްތުންތައް ހުރުމާއި އެހީތެރިކަން ލިބޭނެ ނިޒާމެއް ނެތިގެން ކަމަށެވެ. އަދި ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ފުލުހުން ވަރަށް ބޮޑު އިސްކަން ދޭ ކަމަށާއި އެންމެ ބޮޑު ސަމާލުކަން ދިނުމަށް 2011 އިން 2013 އަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އެކަން ފާހަގަ ކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަންދޭ ޔުނިޓެއް މިއަހަރު ކުރީކޮޅު އުފައްދާފައިވާ ކަމަށާއި މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރުމާ ދެކޮޅު ސިޔާސަތެއް ފުލުހުންގެ މުއައްސަސާގައި ވަރަށް އަވަހަށް އެކުލަވައިލައްވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެފަދަ ކުށްތައް ހުއްޓުވަން މަސައްކަތްކުރަން ފުލުހުން އޮތީ ތައްޔާރަށް ކަަމަށާއި ގެވެށި އަނިޔާ ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ބޭނުންވާ ތަމްރީނުތައް ވެސް ފުލުހުންނަށް ދެމުން އަންނަ ކަމަށެވެ.
ް
މީގެ އިތުރުން އަންހުނުންނަށް ކުރާ އަނިޔާ ހުއްޓުވުން ވަކި މުއައްސަސާއެއްގެ ޒިންމާގައި އެޅުވުމުގެ ބަދަލުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އެންޖީއޯތަކާއި އާއްމުން ގުޅިގެން މަސައްކަތް ކުރަން ރިޔުާޒް މިއަދު ގޮވާލެއްވި އެވެ.
"ފުލުހުންގެ ތަޖުރިބާއިން އެނގިފައި ވަނީ މިފަދަ ކަންތައްތައް ކުރިމަތި ވަނީ ވަކި ތަނަކުން ވަކި ވަކި ގަޑިއެއްގައި ނޫންކަން، އަދި އެކަން ކުރިމަތި ވަނީ ވަކި ވައްތަރެއްގެ ބައިވެރިންގެ ފަރާތަކުން ވެސް ނޫންކަން، އެއީ ހަމަ ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ ކަމެއް، ކޮންމެ ހާލަތެއްގައި ވެސް ކުރިމަތިވެދާނެ ކަމެއް، މިކަމުން ސަލާމަތްވެ ތިބުމަށް އެންމެ މުހިއްމު ކަމަކީ އަންހެނުން ބާރުވެރިކުރުވުން،" ރިޔާޒް ވިދާޅުވި އެވެ.