ޗައިނާއިން މުޅި ދުނިޔޭގައި ސުލްހަވެރިކަމާއި އަމަންއަމާންކަން ގާއިމްކުރުމަށްކުރާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ އިންޓަރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯ ޑިވެލޮޕިން ކަންޓްރީސް ސެމިނާއަށް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައެވެ.

މި ރަސްމިއްޔާތު ފެށުމުގެ ކުރިން، ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި އައިޕީޔޫގެ ރައީސާއި ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޓޭންޑިން ކޮމިޓީގެ ޗެއާމަނާއެކު ހާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ވަން ޗައިނާ ސިޔާސަތަށް ރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ތާއީދުކުރާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، އެއީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

މީގެ އިތުރުން ޗައިނާގެ ޤާނޫނުހަދާ މަޖިލިސް އައިޕީޔޫއާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަމުން އެމަނިކުފާނު ވިދާޅުވީ މިއީ ބައިނަލްއަގްވާމީ، ބަރުލަމާނީ އެއްބާރުލުމާއި މަޝްވަރާއަށް ޗައިނާއިން ޒަމާނުއްސުރެ ވައުދުވެފައިވާކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.

"ޗައިނާއާއެކު ސިޔާސީ ގުޅުން 1972 ވަނަ އަހަރު އުފެދި، މިދިޔަ އަހަރުތަކުގެ ތެރޭގައި، ހާއްސަކޮށް ޗައިނީސް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، އަޅުގަނޑުމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ފުޅާވެފައިވޭ. ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުން ފަދަ ޕްރޮޖްޓްތަކަކީ އަޅުގަނޑުމެންގެ ކާމިޔާބު އެއްބާރުލުމުގެ ސާފު މިސާލުތަކެއް." އެމަނިކުފާނު ވިދާޅުވިއެވެ.

މިމަހުގެ 18 ވަނަ ދުވަހުން 23 ވަނަ ދުވަހަށް ޗައިނާގެ ބެއިޖިން ގައި ކުރިއަށްދާ އިންޓަރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯ ޑިވެލޮޕިން ކަންޓްރީސް ސެމިނާގެ ހަވާސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އައިޕީޔޫގެ ރައީސް އާއި އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލްއާ ވެސް ބައްދަލުކުރައްވާފައެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.