20 Aug 2024, 18:19
ބަލަމުންދާ މައްސަލައަކާ ގުޅިގެން އީވް ކްލިނިކަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އީވް ކްލިނިކަށް އާސަންދަ ދިނުން މެދުކަނޑާލާފައިވާކަން އާސަންދައިގެ މީޑިއާ އޮފިޝަލް ވަނީ 'ސަން'އަށް ކަށަވަރުކޮށްދެއްވާފައެވެ. އޮފިޝަލް ވިދާޅުވީ، އެ ޚިދުމަތް ދިނުން މެދުކަނޑާލީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.
އިތުރަށް އޮފިޝަލް ވިދާޅުވީ، އެ ކުންފުނިން ގަވައިދުން ކްލިނިކްތައް ޗެކްކުރާއިރު ފާހަގަކުރެވޭ ކަންތައްތަކުގެ ސަބަބުން އެ ކްލިނިކްތަކަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލާ ކަމަށެވެ.
އެގޮތުން، ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ ކްލިނިކަށް އާސަންދަ ދޫކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހުން ފެށިގެން މަނިޕާލް ހޮސްޕިޓަލުގެ އަގުތައް ބޮޑުވުމުގެ ސަބަބުން އެ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް އާ ޕޭޝަންޓުންނަށް ދިނުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
އާސަންދައިން އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ސަސްޕެންޑު ކުރާ ތަންތަނުގެ ލިސްޓު އާންމު ކުރަމުންނެވެ.
އެގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް 18 ތަނެއް ސަސްޕެންޑު ކުރުމަށް ފަހު އަލުން ޚިދުމަތް ދީފައިވާ ކަމަށް އާސައިންދައިގެ ލިސްޓުން އެނގެއެވެ.
މި ލިސްޓުގައި މިވަގުތު ވަނީ މާލޭގައި ހިންގާ ކްލިނިކްތަކެވެ. އެއީ، ޔޫރޯ މެޑިކަލްކެއާއި ޑރ. ޕިލް ފާމަސީ އާއި ސްޓެމް ސެންޓަރުގެ އިތުރުން އީވް ކްލިނިކެވެ.