20 Aug 2024, 15:03
މަޖިލީހަށް އިދިިކޮޅު އެމްޑީޕީން ހުށަހަޅާފައި އޮތް ސްކޭމްގެ މައްސަލަތަކުގައި ބޭންކު އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލާ، ފުލުހުންނަށް ހުއްޓުވޭގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހު ޕީއެންސީގެ ސުޕަ މެޖޯރިޓީން މަޖިލީހަށް މިއަދު ބަލައިގަނެފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.
މިއަދުގެ ޖަލްސާގައި އެ އިސްލާހުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ބިލަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުން ވެސް ބަހުސްކުރެއްވިއިރު، ގިނަ މެމްބަރުން ވަނީ މިއީ ބޭނުންތެރި އިސްލާހެއްކަމަށް ވިދާޅުވެފައެވެ.
އެގޮތުން ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ މި ބިލަކީ ސަރުކާރުގެ ފަރާތުން ވެސް ހުށަހަޅަން ނިންމައިފައިވާ އިސްލާހެއްކަމަށް ފާހަގަކުރައްވައިފައެވެ.
ސްކޭމްގެ މައްސަަލަތައް އިތުރުވެފައިވާތީ ރައްޔިތުންގެ ކަަންބޮޑުވުންތައް އިންތިހާއަށް ގިނަކަން ފާހަގަކުރައްވައި ފަލާހުވަނީ، މެމްބަރު ކުޑޫ މި އިސްލާހު ހުށަހެޅުއްވުމުގެ މަގްސަދަކީ އެއީ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
"މި އިސްލާހު ހުށަހަޅުއްވައިފައިވާ މެމްބަރަކީ ވެސް އަޚްލާގީ ގޮތުން ރަނގަޅު ބޭފުޅެއް. މީގެ ނިޔަތް ވެސް އެހެންކަމުން ރަނގަޅުކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ފަލާހު ވިދާޅުވިއެވެ.
އެއާއެކު ބިލަށް ވޯޓަށް އެހުމުން ޖުމްލަ 72 މެމްބަރުންގެ ވޯޓާއެކު ބިލު މަޖިލީހަށް ބަލައިގަނެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށެވެ. އެ މާއްދާގައިވަނީ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމެވެ.
މިހާރު އޮންނަ ގޮތުން ނަމަ ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ އެ އެކައުންޓުގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އަމުރެއް ނެރެވޭނީ ކޯޓު އަމުރަކަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކަމަށެވެ.
އެހެންނަމަވެސް، އެ އިސްލާހާ އެކު ސްކޭމްގެ މައްސަލަތަކުގައި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ނެރެވިދާނެކަން ބަޔާންކޮށްފައިވެއެވެ. އަދި، އެފަދަ އަމުރެއް ނެރެން ވާނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއް ކަމަށް އިސްލާހުގައިވެއެވެ.
ހަމައެއާއެކު އެކައުންޓު ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް އެކައުންޓް ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް އަންގަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.