25 Jun 2012, 13:09
މޯލްޑިވިއަން އިން އަލަށް ނަގާ ކެބިން ކުރޫ އިންޓަވިއުތައް މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކުގައި ބާއްވާ ގޮތަށް މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އައިއޭއެސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ އެގޮތަށް ނިންމުމުން އައްޑު އާއި ފުވައްމުލަކުން އެކަމަށް ޝައުގުވެރިވާ ކުދިންގެ އިންޓަވިއުތައް ކުރާނީ އެ ރަށްރަށުން ކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު ޝަރުތުތަކަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވުމާއި ދަށްވެގެން އިނގިރޭސި މާއްދާ އިން ބީ ފާސް އިނުމާއި އަދި އެފަދަ ބައެއް ކަންތައްތައް،" ނަޝާތު ވިދާޅުވި އެވެ. "ކެބިންކުރޫން ނަކީ ހުރިހާ އެނައުންސްމަންޓްތައް ދޭން ޖެހޭ ކުދިނަށް ވާތީ އަޅުގަނޑުމެން ބަލާނެ އެ ކުދިންނަކީ މީހުންގެ ކުރިމަތީގައި ވާހަކަ ދެއްވޭ އަދި އެއާކްރާފްޓުގައި ސޭފްޓީ އަށް ބޭނުންކުރާ އެއްޗެތި އުފުލޭ ވަރު ކުދިންތޯ ވެސް،"
އޭނާ ވިދާޅުވީ އެ ވަޒީފާ އަށް އެދުމުގެ ފުރުސަތު މި މަހުގެ 28ގެ ކުރިން ދެ ޖިންސުގެ ކުދިންނަށް ވެސް ހުޅުވާލައިފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ކުދިން އެ ކުންފުއްޏަށް ގުޅައިގެން ނަން ނޯޓް ކުރުމުން އެ ފުރުސަތު ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން ނަގަން އަދި ނިންމާފައި ވަނީ 15 ވަރަކަށް ކުދިން. އެކަމަކު ކުދިންގެ ފެންވަރަށް ބަލާ އިރު މިއަދަދު އިތުރުވުން ނުވަތަ މުދުވުން ވެސް އެކަށީގެންވޭ،" ނަޝާތު ވިދާޅުވި އެވެ.
އަލަށް ކުރޫން ނަގަން ނިންމާފައިވާ އިރު މިހާރު ވެސް ރާއްޖެ އާއި އިންޑިއާ އަށް ދަތުރުތައް ކުރާ ދިވެހި އެއާލައިން މޯލްޑިވިއަންގައި 46 ކުރޫން މަސައްކަތް ކުރެ އެވެ.