20 Aug 2024, 12:59
ދަހިވެތިކަމުން ސްކޭމްތަކުގެ މަޅީގައި ޖެހޭ މީހުންނަށް ވެސް "ޕެނަލްޓީއެއް" ނުވަތަ އަދަބެއް އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައި އޮތް ސްކޭމްގެ މައްސަލަތަކުގައި ބޭންކު އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލާ ފުލުހުންނަށް ހުއްޓުވޭގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުންނެވެ.
މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.
މި އިސްލާހަށް ބަހުސްކުރައްވާ މެންބަރު އިބްރާހީމް ވިދާޅުވީ، ހުށަހަޅާފައި އޮތީ ވަރަށް ރަނގަޅު އިސްލާހެއް ނަމަވެސް އެއަށް އިތުރުކޮށްލަންޖެހޭ ކަމެއް އެބައޮތް ކަމަށެވެ.
އެގޮތުން، ވައްކަމެއް ނުވަތަ ސްކޭމެއް ހިންގައި ނިމިގެންދާއިރު، އެކަން ކުރާ ފަރާތުގެ އިތުރުން އެކަން ރައްދުވާ ފަރާތް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ސްކޭމްގައި ޖެހޭ މީހުން ޖެހެނީ ދަހިވެތިކަމުގެ ސަބަބުން ކަމަށް ވެސް އިބްރާހީމް ވިދާޅުވިއެވެ.
ދަހިވެތިކަމުގެ އިންތިހާއަކީ މީހާ ނުބައި ނަތީޖާތަކެއްގެ ތެރެއަށް ވައްޓާލާ ކަމެއް. އެހެންްކަމުން ގިނަ ފައިދާ، ނުވަތަ ނާޖާއިޒު ގޮތުގައި ފައިސާ ހޯދަން ބޭނުންވެގެން އެކިއެކި ޕްރޮގްރާމްތަކަށް ވަންނަން ބޭނުންވާ މީހުންނަށް ވެސް އަަޅުގަނޑަށް ހީވަނީ ކޮންމެ ވެސް ކަހަލަ ޕެނަލްޓީއެއް [އަދަބެއް] އޮންނަންޖެހޭހެން،މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުހައްމަދު
އިބްރާހީމް ވިދާޅުވީ އެގޮތަށް އަދަބު ކަނޑައެޅިއްޖެނަމަ ރައްޔިތުން ޒިންމާދާރު ކުރެވޭނެ ކަމަށެވެ. އެގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ގެނެވޭއިރު، އެ ކަމަށް ވިސްނާލުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށެވެ. އެ މާއްދާގައިވަނީ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމެވެ.
މިހާރު އޮންނަ ގޮތުން ނަމަ ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ އެ އެކައުންޓުގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އަމުރެއް ނެރެވޭނީ ކޯޓު އަމުރަކަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ކަމަށެވެ.
އެހެންނަމަވެސް، އެ އިސްލާހާ އެކު ސްކޭމްގެ މައްސަލަތަކުގައި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ނެރެވިދާނެކަން ބަޔާންކޮށްފައިވެއެވެ. އަދި، އެފަދަ އަމުރެއް ނެރެން ވާނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއް ކަމަށް އިސްލާހުގައިވެއެވެ.
ހަމައެއާއެކު އެކައުންޓު ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް އެކައުންޓް ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް އަންގަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.