ސްކޭމްގެ މައްސަލަތަކުގައި ބޭންކު އެކައުންޓުތަކުގައި ދައުރުވާ ފައިސާ ހުއްޓުވުމަށްޓަކައި ކޯޓު އަމުރަކާ ނުލާ ފުލުހުންނަށް އެކައުންޓުތައް ހުއްޓުވޭގޮތް ހެދުމަކީ ހައްލެއް ނޫން ކަމަށާއި، އެކަން ކޮށްގެން ސްކޭމްތައް ނުހުއްޓުވޭނެ ކަމަށް ވެރިކަންކުރާ މައި ޕާޓީ, ޕީއެންސީގެ ރައްޔިތުންގެ މަޖިލިސް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރުން މިފަދައިން ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައި އޮތް ސްކޭމްގެ މައްސަލަތަކުގައި ބޭންކު އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލާ، ފުލުހުންނަށް ހުއްޓުވޭގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހަށް ބަހުސްކުރައްވަމުންނެވެ.

މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން -- ފޮޓޯ/ މަޖިލިސް

މި އިސްލާހަށް ބަހުސްކުރެއްވިއިރު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވީ، ސްކޭމްގެ މައްސަލަތައް ހުއްޓުވެން އޮތީ ބޭންކިންގެ ގާނޫނަށް އިސްލާހުތަކެއް ގެނެސްގެން ކަމަށެވެ. އަދި، އެ ހައްލުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ގޮތްކަމަށް އަޒާން ވިދާޅުވިއެވެ.

އެގޮތުން، ބޭންކްތަކުގައި ފައިސާ ދައުރުވާ ގޮތުގެ ޕެޓާން ބަދަލުކޮށް އެ ފައިސާ ދައުރުވުން ހުއްޓުވަންޖެހޭ ކަމަށާއި
ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންސްފާކުރި ނަމަވެސް ބޭންކްތަކުން އެ ފައިސާ ސެޓްލްނުކޮށް ބަހައްޓަންޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާން ފާހަގަކުރެއްވި ކަންކަމަށް ސަރުކާރުގެ ގިނަ މެންބަރުން ވަނީ ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ.

މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު -- ފޮޓޯ/ މަޖިލިސް

ބޭންކިންގެ ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭނެކަން ފާހަގަކުރައްވާ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ވިދާޅުވީ، ސްކޭމްގެ މައްސަލަތަކަކީ ކޮންމެހެން ވެސް ހައްލެއް ހޯދައިދޭން ޖެހޭ މުހިންމު ކަމެއް ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީން ހުށަހަޅާފައި އޮތް އިސްލާހަކުން އެ މައްސަލައަށް ހައްލެއް ނެތްކަމަށް ހުސްނީ ވިދާޅުވިއެވެ.

ބޭންކިން ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަނީ މެންބަރު އަޒާން ފާހަގަ ކުރެއްވި ފަދައިން. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުގެ އިތުރު ބިލެއް ވެސް އެބައޮތް. ވަކިވަކިން ކުޅުމުގެ ބަދަލުގައި އެކުއެކީ އިސްލާހު ގެނައުން މުހިންމު،މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު -- ފޮޓޯ/ މަޖިލިސް

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވި ގޮތުގައި އެމްޑީޕީން ހުށަހެޅީ ރަނގަޅު އިސްލާހެއް ނަމަވެސް އެ އިސްލާހުގައި ރަނގަޅުކުރާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން، މިހާރު އިސްލާހު ހުށަހަޅާފައި އޮތް ގޮތުން ކަމާ ނުގުޅޭ މީހުންނަށް ވެސް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުކަމަށް ރިފާއު ވިދާޅުވިއެވެ.

އެގޮތުން، އެކައުންޓުތައް ހުއްޓުވުމުގެ ބަދަލުގައި ސްކޭމްކޮށްގެން ހޯދާ ފައިސާގެ އަދަދު ބްލޮކް ކުރެވޭނެ ގޮތް ހެދުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޭމްގެ މައްސަލަތަކުގައި ބޭންކު އެކައުންޓުތަކުގައި ދައުރުވާ ފައިސާގެ މައްސަލަތައް އިތުރުވަނީ "ކޮމްޕިއުޓަރު ޕްރޮގްރާމްގައި" ހުރި މައްސަލަތަކެއްގެ ސަބަބުންކަން ފާހަގަކުރައްވާ މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް ވިދާޅުވީ ބޭންކިންގެ ނިޒާމަށް އިސްލާހުތަކެއް ގެނެސް ބޭންކުން ޒިންމާވާނެ ގޮތް ހަދަންޖެހޭނެ ކަމަށެވެ.

މި އިސްލާހު ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށެވެ. އެ މާއްދާގައިވަނީ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމެވެ.

މިހާރު އޮންނަ ގޮތުން ނަމަ ޖިނާއީ ބޮޑު ކުށެއް ފާހަގަވާ ކަމަށްވާނަމަ އެ އެކައުންޓުގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އަމުރެއް ނެރެވޭނީ ކޯޓު އަމުރަކަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކަމަށެވެ.

އެހެންނަމަވެސް، އެ އިސްލާހާ އެކު ސްކޭމްގެ މައްސަލަތަކުގައި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ނެރެވިދާނެކަން ބަޔާންކޮށްފައިވެއެވެ. އަދި، އެފަދަ އަމުރެއް ނެރެން ވާނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއް ކަމަށް އިސްލާހުގައިވެއެވެ.

ހަމައެއާއެކު އެކައުންޓު ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް އެކައުންޓް ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް އަންގަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.