ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވަން ކުރެވިދާނެ ކަންކަން ހޯދާ ދިރާސާ ކުރަން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ރިސާޗުން އިސްނަގައިގެން ހާއްސަ ފޯރަމެއް ބާއްވަން ހަމަޖައްސައިފި އެވެ.

އެ ޖަމިއްޔާގެ ޓްރަސްޓީއެއް ކަމުގައިވާ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ އަހުމަދު އައްފާލް މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އިސްކަންދަރު ސްކޫލްގައި ބާއްވާ ފޯރަމްގެ ބޭނުމަކީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވަން ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި ތައުލީމާ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލު ހޯދުން ކަމަށެވެ.

މޯލްޑިވްސް ރިސާޗުގެ ފޯރަމްގައި ރާއްޖޭގައި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ބައިވެރިވާއިރު ފޯރަމްގައި މައިގަނޑު ފަސް ކަމަކާބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ.

"މި ފޯރަމްގައި ތައުލީމާ ތަމްރީނާއި މަސައްކަތުގެ މާހައުލާހުރި ގުޅުމާއި، ތައުލީމީ ދާއިރާގެ ސްޓޭންޑަޑްތަކަކީ އެންމެ ރަނގަޅު ސްޓޭންޑަޑްތޯ ބެލުމާއި ސްކޫލްތަކުގެ ކަރިކިއުލަމްތަކާ ބެހޭ ގޮތުންނާއި ލެންގުއޭޖްގެ އިތުރުން ސްކޫލްތަކާއި ކޮލެންޖްއާ ހިނގުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވޭނެ،" އައްފާލް ވިދާޅުވި އެވެ.

ފޯރަމް ނިމުމަށްފަހު އެ ފޯރަމާ ބެހޭ ރިޕޯޓެއް މޯލްޑިވްސް ރިސާޗުން ނެރޭނެ ކަމަށާއި އެ ރިޕޯޓް ކަމާ ބެހޭ ހުރިހާ ދާއިރާތަކަށް ހިއްސާކުރެވޭނެ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

މޯލްޑިވްސް ރިސާޗްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އިގުސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މަސައްކަތް ކުރުމެވެ. މި ފޯރަމްގައި އެ ޖަމިއްޔާއިން ރަޖިސްޓްރީކޮށްފައިވާ ބައިނަލް އަގުވާމީ ޖާނަލްއެއް ކަމުގައިވާ އިންޓަނޭޝަނަލް ޖާނަލް އޮފް ސްމޯލް އިކޮނޮމީސް (އައިޖޭއެސްއީ) ގެ ފުރަތަމަ އަދަދު ވެސް ނެރޭނެ އެވެ.

" މިޖަމިއްޔާގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެކަމާ ބެހޭ ދިރާސާތައް ކުރުމަށްފަހު އެކަމުގެ މައުލޫމާތުތައް ފޯރުކޮށްދިނުން، މިހާތަނަށް މިޖަމިއްޔާއިން އެންމެ ކާމިޔާބުކޮށް ކުރެވިފައިވާ ކަމަކީ ބައިނަލް އަގުވާމީ ޖާނަލްއެއް ރަޖިސްޓްރީ ކުރުން،" އައްފާލު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްގެން ދިވެހިންގެ ބަޔަކު ހިނގަމުން އަންނަ މޯލްޑިވްސް ރިސާޗުން ބާއްވާ މި ފޯރަމަކީ އެ ޖަމިއްޔާގެ ފުރަތަމަ ފޯރަމެވެ.