20 Aug 2024, 06:41
ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި ގްރޭންޑްސަން އެންޓަޓެއިންމަންޓްއިން ޑިޖިޓަލް ޕްލެޓްފޯމްތަކާ ގުޅެން ނިންމައިފިއެވެ.
ސާޖިދުގެ ޕްރޮޑަކްޝަން ހައުސްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ކޮންޓެންޓްތައް އުފައްދާނީ މިހާރު ވެސް ޓެލެވިޒަން ކޮންޓެންޓް އުފެއްދުމަށް މަޝްހޫރު ބަނީޖޭ އޭޝިއާއާ ގުޅިގެންނެވެ. ސާޖިދު ވަނީ މި އަހަރުގެ މާޗު މަހު ތެރޭ އަމިއްލަ ވީއެފްއެކްސް ސްޓޫޑިއޯއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް އިއުލާނުކޮށްފައެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ދަ އިކޮނޮމިކް ޓައިމްސްގައި ބުނެފައިވާ ގޮތުން މިއީ ސާޖިދު ޓެލެވިޒަން އަދި ޑިޖިޓަލް ސްޕޭސްއަށް ތަޢާރަފުވާ ފުރަތަމަ ފަހަރު ކަމަށާއި ދެ ކުންފުނި ގުޅިގެން ތަފާތު ވައްތަރުގެ ވެބް ސީރީޒްތަކާ އެކު ޓެލެވިޒަން ޝޯތައް ވެސް ގެނެސްދޭން ވަނީ ނިންމާފައެވެ.
ސާޖިދުގެ ފިލްމު ކުންފުންޏާ ހަވާލާދީ ދަ އިކޮނޮމިކް ޓައިމްސްގައި ބުނެފައިވަނީ ތަފާތު އެކި ޖޯންރާތަކަށް ޚާއްސަ އުފެއްދުންތައް ދެ ކުންފުނި ގުޅިގެން ގެނެސްދޭން ބޭނުންކަމަށާއި ބެލުންތެރިންނަށް ކިޔައިދޭން ބޭނުން ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ. ދެ ކުންފުނި ގުޅިގެން މި ޕްރޮޖެކްޓަށް 100 ކްރޯޑު ރުޕީސް (64 މިލިއަން އެމެރިކާ ޑޮލަރު) އިންވެސްޓުކުރުމަށް ވަނީ ނިންމާފައެވެ.

ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އެކްޓަރު ސަލްމާން ޚާންއާ އެކު--ފޮޓޯ/ކޮއިމޮއި
ބަނީޖޭ އޭޝިއާ ގުޅިގެން އުފައްދާފައިވާ ޝޯތަކުގެ ތެރޭ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް"، ވެބް ސީރީޒް "ދަ ޓްރައަލް" އަދި "ދަ ނައިޓް މެނޭޖާ" ހިމެނެއެވެ. މިހާތަނަށް ބަނީޖޭ އޭޝިއާ ގުޅިގެން ގެނެސްދީފައިވާ ގިނަ އުފެއްދުންތަކަކީ ބޭރުގެ އުފެއްދުންތަކުގެ ރިމޭކްތައް ކަމަށްވީ ނަމަވެސް އަލަށް އުފައްދަން ގަސްތުކުރާ ކޮންޓެންޓްތައް ތަފާތު ވާނެ ކަމަށާއި އަމިއްލަވަންތަކަން މާ ބޮޑަށް ވެސް ފެންނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސާޖިދު ޑިޖިޓަލް ދުނިޔެއާ ގުޅެން ތައްޔާރުވަމުން އަންނައިރު އެ ކުންފުނިން އެންމެފަހުން ގެނެސްދިން ފިލްމަކީ އެކްޓަރު ކާތިކް އާރްޔަން ލީޑް ރޯލް ކުޅުނު ފިލްމު "ޗަންދޫ ޗެމްޕިއަން"އެވެ.