18 Aug 2010, 18:48
11:45
ސިޔާސީ މަގުސަދުތައް ހާސިލު ކުރަން މާލޭގެ ބިމުން އެކި ފަރާތްތަކަށް ދީފައިވާ ގޯއްޗާއި ބިންތައް ނެގުމަށް ބާރު އަޅާ ބިލެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސާމަނިކު ސަންއެފްއެމް އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މާލޭގެ ބިމުން ގޯތި ނުލިބި ދަތި ހާލުގައި އުޅޭއިރު ކުރީގެ ސަރުކާރުގެ ވަޒީރުންނަށް ގޯތިތައް ދީފައި އެބަހުރި ކަމަށެވެ. ކުރީގެ ވަޒީރުން ތިއްބަވަނީ "ގޯއްޗަށް ސަވާރުވެގެން" ކަމަށް ވެސް މޫސަ ވަނީ ސިފަ ކުރައްވާފަ އެވެ.
އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް މޫސަ ވަނީ އެ މޭރުމުން އެ ވާހަކަ ދައްކަވައިފަ އެވެ.
މޫސަ މިއަދު ވިދާޅުވީ "މާލޭގެ ބިން ރަނގަޅު ގޮތުގައި ބޭނުން ކުރުމުގެ ގާނޫނު"ގެ ނަމުގައި މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުގެ ޑްރާފްޓްގެ ބޮޑު ބައި ނިމިފައިވާ ކަމަށެވެ.
"ބިލު ޑްރާފްޓް ކުރަމުންދާއިރު ސިޔާސީ މަގުސަދު ހާސިލު ކުރަން ކުރިން ދީފައި ހުރި ގޯއްޗާއި ބިންތަކުގެ މައުލޫމާތު ވެސް މިގެންދަނީ އެއްކުރަމުން މުޅިން މަސައްކަތް ފުރިހަމަވާނީ އެފަދަ ގޯތިތަކުގެ ރަޖިސްޓްރީއެއް ވެސް ހެދިގެން،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ބިލުގެ މައިގަނޑު ބޭނުމަކީ މާލޭގެ ރައްޔިތުންނަށް މާލޭގެ ބިން ހަމަހަމަ ކަމާ އެކު ބެހިގެންދިއުން ކަމަށާއި ސިޔާސީ އެއްވެސް މަގުސަދެއް ހާސިލު ކުރުމަށް ބިމާއި ގޯތި ދިނުން ހުއްޓުވައިލުން ކަމަށަވެ.
"ކުރިން އެއޮތީ ސިޔާސީ ބޭނުންތަކަށް ގޯތިތައް ދީފައި. އަޅުގަނޑުމެން މިކަމަށް ފިޔަވަޅު ނާޅައި ތިއްބާ އަނެއްކާ މިސަރުކާރުން އެ ގޮތަށް ގޯތި ބަހަން ފަށައިފިއްޔާ ހަދާނީ ކިހިނެއް؟" މޫސަ ސުވާލު ކުރެއްވެވި އެވެ.
މޫސަ އެހެން ވިދާޅުވިއަސް، ބިމާ ބެހޭ ގާނޫނު ބުނާ ގޮތުން އެއްވެސް މީހަކަށް ދިރިއުޅެން މިހާރު ބިން ދޫކުރެވޭނީ އާންމުކޮށް އިއުލާނުކޮށް، ކަނޑައެޅޭ އުސޫލެއްގެ މަތީންނެވެ.