"ޔަލްވީގެ ޝައުގުވެރިކަމެއް ނެތިއްޔާ ހިނގާ ބޭރަށް ނުކުންނަމާ ދޯ. މަންމަ ހައްދާފަ ހުރި ވަރަށް ރީތި މާގަސް ހުންނާނެ މިދިމާ ބޭރުގަ. މިދުވަސްކޮޅު އެބަހުރި ވަރަށް މާ އަޅާފަ" ޔަލްވީ މަލަށް ޝައުގުވެރިވާކަން އެނގިހުރެ ރަޔާން ބުނެލިއެވެ.

********

ޔަލްވީގެ ބަސްމަގު ހުރިގޮތުން ރަޔާންގެ ހިތުގައި ކޫރުމެއް އެޅުނެވެ. ދުނިޔޭގެ އުފަލާއި އަރާމަށް އިސްކަންދޭ ކުއްޖަކު ހަޔާތަށް ގެންނަންޖެހުނީތީ ދެރަވިއެވެ. ކޮންމެ ފެންވަރެއްގައި ހުއްޓަސް، ރަޔާންއަށް އޭނާގެ ގެ ރީއްޗެވެ. ފުރިހަމައެވެ. ލިބުނު މިންވަރަށް ރަޔާން ޝުކުރުވެރިވެއެވެ.

"މިހެން..." ޔަލްވީ ރަޔާނަށްވުރެ ކުރިން ހިނގައިގަތް ތަން ފެނުމުން، ރަޔާން އަތުގެ އިޝާރާތުން ދާންވީ މިސްރާބު ދައްކައިލިއެވެ. ރަޔާން އިތުރު އެއްޗެއް ބުނުމުގެ ކުރިން ޔަލްވީ ގޮސް ގޭގެ ފަހަތުން ނުކުމެވެން ހުރި ދޮރު ހުޅުވައިލިއެވެ.

"ވާއު.." ފެނުނު މަންޒަރުން ޔަލްވީގެ ދެލޯ ބޮޑުވިއެވެ.

ގޭގެ ފުރަގަހުގައިވާ ހުސްޖާގައިގައި އެކި ބާވަތުގެ ގަސް ހައްދާފައި ހުއްޓެވެ. ހަމައެކަނި ބަގީޗާ ގަހެއް ނޫނެވެ. ތަފާތު ވައްތަރުގެ ތަރުކާރީއާއި މޭވާ ގަސްތަކުން މުޅި ތަނަށް ދިރުން ގެނުވާފައިވިއެވެ. ފޭރާއި، ކުންނާރާއި، ޖަނބުރޯލުގެ އިތުރުން ބޮޑު އަނބުގަހެއް ހުއްޓެވެ. މުޅީންވެސް ޔަލްވީއަށް އެންމެ މީރު މޭވާއަޅާ ގަސްތަކެވެ. ގަސްތަކުގައި މޭވާތައް އަޅާ ފުރި ބާރުވެފައިވާއިރު، މުޅި ހިސާބުގައި ހަރުލާފައި ހުރީ ފޭރުގެ މީރުވަހެވެ. ޔަލްވީ ހުރީ އާޝޯހުވެފައެވެ. އެފަދަ ފުރިހަމަ މަންޒަރުތައް އޭނާއަށް ފެނިފައި ވަނީ ޓީވީއިންނެވެ. ބޭއިހުތިޔާރުގައި ޔަލްވީއަށް ހިނިތުންވެލެވުނެވެ.

"ހާދަ ލޯބިއޭ.." ޔަލްވީ ދުވެލާފައި ގޮސް ފޭރުގަސް ކައިރީގައި ހުއްޓުނެވެ. ސެލްފީއެއް ނެގިއެވެ. އެކި ގޮތްގޮތަށް އެނބުރިފައި ސެލްފީ ނަގަމުންދިޔަ މަންޒަރު ބަލަން ރަޔާނަށް ހުރެވުނީ ކަޅި ޖަހާވެސް ނުލައެވެ. ރަޔާން ހީކުރީ ޔަލްވީ ބޮޑަށް ގަޔާވާނީ މާބަގީޗާއަށް ކަމަށެވެ. އެކަމަކު، ޔަލްވީއަށް ބޮޑަށް ކަމުދިޔައީ މޭވާ ގަސްތަކެވެ. ގަސްތަކުގެ ކައިރީގައި ފުންމާލާފައި އުޅެމުންދިޔަގޮތުން، ޔަލްވީއަށް އާދަޔާ ހިލާފު އުފަލެއް ލިބިފައިވާ ކަހަލައެވެ.

ޔަލްވީ ރަޔާނާއި ދިމާއަށް އެނބުރުނެވެ. އޭރުވެސް އޭނާއަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. ހިނިތުންވެލާއިރު، ޔަލްވީގެ ރީތިކަން އެތައް ގުނައެއް އިތުރުވެއެވެ. ހިތް ހުއްޓޭނެނަމަ، އެވަގުތު ރަޔާންގެ ހިތް ހުއްޓުނީހެވެ. ރީތި އެއްޗެއްސަށް ލޯބިކުރުމަކީ އިންސާނާގެ ތަބީއަތުގައި ވާ ކަމެކެވެ.

ހަމަހޭވެރިކަންވުމާއިއެކު، ޔަލްވީ ދެބުމަ ގޮށްޖަހައިލިއެވެ. ރަޔާން ބަލަން ހުރިގޮތް ޔަލްވީއަކަށް ކަމަކުނުދިޔައެވެ. އުޅެވުނުގޮތުން އަމިއްލަ ނަފުސަށް އަޑުލިއެވެ. ޔަލްވީގެ އެ އަމަލުން އެއްޗެއް ވިސްނުނު ފަދައިން ރަޔާންވެސް އަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓާލިއެވެ.

"ބޭނުންތަ ފޭރެއް؟..." ގެ ކައިރީގައި އޮތް ދަނޑި ނަގައިގެން ރަޔާން ފޭރުގަސް ކައިރިއަށް ދިޔައެވެ.

"ބޭނުމެއް ނޫން...." ކިތަންމެ ކާހިތްވެފައި ހުރި ނަމަވެސް ރަޔާން ސުވާލުކުރުމުން ޔަލްވީ ދެކޮޅުހެދިއެވެ. ރަޔާންގެ ފަރާތުން ޔަލްވީ އެއްވެސް ކަމެއް ބޭނުމެއް ނުވެއެވެ.

ރަޔާންއަށް ޔަލްވީގެ ހިތް އެނގޭ ކަހަލައެވެ. ދަނޑިން އޮފިގަނޑު ތިރިކޮށްލާފައި ދޮންވެފައި އިން ދެ ފޭރު ބިނެވެ.

"ޔަމީ..." ފޭރު ދޮވެފައި، އެތިކޮޅެއް ކާލަމުން ރަޔާން ބުނެލިއެވެ. "މިފޭރު ހީވޭ މާ ފޮނިހެން...."

ރަޔާންގެ މަގުސަދަކަށްވީ ޔަލްވީ ދަހިކޮށްލުމެވެ. ޔަލްވީގެ ގޮތްދޫނުކުރާ ސިފަ ދޫކޮށް، ފޭރު ދޭށޭ ބުނާނެކަމަށް އޭނާ ހީކުރިއެވެ. އެކަމަކު، ރަޔާން ދެ ފޭރު ކޭ އިރުވެސް ޔަލްވީ ހުރިތަނުން ގުޑިވެސް ނުލިއެވެ. ގޮތް ހުސްވީ ރަޔާނަށެވެ. ރަޔާންއަށް މަޖުބޫރުވީ އެތަނުން ދާށެވެ.

"ޔަލްވީ ބޭނުމިއްޔާ އެންމެ ރަނގަޅު ފޭރެއް ބިނދެލިޔަސް..." ގޭތެރެއަށް ވަންނަމުން ރަޔާން ބުނެލިއެވެ.

ޔަލްވީ ހުރީ ރަޔާން ނުގޮސްގެންނެވެ. އަތުޖެހޭ ހިސާބުގައި ހުރި ހުރިހާ ފޭރެއް ބިނދެ، ދަބަހަށް އެޅިއެވެ. ރަޔާން ހުރީ ޔަލްވީގެ ހަރަކާތްތަކަށް ބަލާށެވެ. ގޮތްދޫނުކުރިޔަސް އެވަރު ވެދާނެކަމަށް އޭނާ ހީވެސް ނުކުރެއެވެ.

ޔަލްވީ ގޭތެރެއިން ނުކުތްއިރުވެސް ނަފީސާމެން ތިބީ އޮލަ ވާހަކައިގައެވެ. ރަޔާންވެސް އެމީހުންގެ ކައިރީގައި އިނެވެ. ޔަލްވީ ފެނުމުން ނަފީސާ އަތުން އިޝާރާތްކޮށްފައި ކައިރިއަށް އައުމަށް އެދުނެވެ.

"ދަރިފުޅާ ހާދަ ފޭރުވަސް ދުވައޭ...." ޔަލްވީ އިށީނުމުން ނަފީސާއަށް ބުނެވުނެވެ.

ރަޔާންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އަވަހަށް އަނގަމަތީގައި އަތް އަޅައިލިއެވެ. ޔަލްވީއަށް އޭނާ އަޅުވައިގެން އިން ދަބަހުގައި ބާރަށް ހިފަހައްޓާލެވުނެވެ. ފޭރު ބިންކަން އެއްވެސް މީހަކަށް އެނގޭކަށް ޔަލްވީ ބޭނުމެއް ނުވިއެވެ. ޔަލްވީ ރަޔާންއަށް ބަލައިލިއިރު، ރަޔާން އިންގޮތުން ކުރި ކަންތައް ފަޅާއެރީކަން އެނގުނެވެ.

ކައިވެނީގެ ދުވަސް އައިސްޖެހުނުއިރުވެސް ޔަލްވީ ހުރީ ދެހިޔާލެއްގައެވެ. ކައިވެނި ކުރާނީ ހެއްޔެވެ؟ ފިލައިގެން ދާނީ ހެއްޔެވެ؟ އެއްގޮތަކުންވެސް ޔަލްވީއަށް ލިބޭނެ މޮޅެއް ނެތެވެ. ޔަލްވީއަކަށް ގޮތެއް ނުނިންމުނެވެ. އެކުވެރިން ހަމަވިއެވެ. ފަހުގެ ތައްޔާރީތައް ނިމުނެވެ. ކައިވެނީގެ ހެދުން އެޅުނެވެ. ޔަލްވީ ބޭނުންވިގޮތަށް އެންމެ ފުރިހަމައަށް ހުރިހާ ކަމެއް ދިޔައެވެ. މަރުވެފައިވަނީ ހަމައެކަނި ޔަލްވީގެ ހިތެވެ. ގޮތެއް ނުނިމި ބާރު ބޮޑުވީ ޔަލްވީގެ ސިކުނޑިއަށެވެ.

ޔަލްވީގެ އެންމެ ގާތް އެކުވެރިން ތިބީ އޭނާ ވަށާލައިގެންނެވެ. ފަހަރަކު މީހަކު ޔަލްވީއާއިއެކު ތަސްވީރުތައް ނަގަމުންދިޔައެވެ. ގަދަކަމުން ހިނިތުންވެގެން ހުއްޓަސް، ޔަލްވީ ހުރީ ހިމޭންވެފައެވެ.

"އަހަރެން ހިއެއް ނުކުރަން ޔަލް ރާއްޖެތެރޭ މީހަކާ އިންނަން އުޅެފާނެކަމަކަށް.." މަލާމާތުގެ ރާގަކަށް ތޫބާ ބުނެލިއެވެ.

"ލޯތްބަކީ ކަނު އެއްޗެކޭ..." ތޫބާގެ ވާހަކައަށް ރައްދު ދިނީ މުނީފާއެވެ.

"ދެން މަށަށް އެހާ އެހާއެއް ނޫން އިނގޭ..." ތޫބާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. "އެރޭންޖް މެރިއޭޖެއްތަ؟... ޔަލްގެ ބައްޕައަކީ ވަރަށް ނުފޫޒުގަދަ މީހެއް"

"ހީވޭތަ އަހަންނަށްވުރެ ބައްޕަ ވަރުގަދަވާނެހެން؟ އަހަރެން ބުނެފިއްޔާ ބައްޕަ އެކަމެއް ކުރާނެ. އަހަންނަށް މަޖުބޫރު ކުރެވޭ ވަރުގެ މީހަކު ނުހުންނާނެ" ޔަލްވީ ގަދަވެލިއެވެ.

"ޔަލް ވަރެއް ނެތޭ" ރަނާ އަތްޖަހައިލިއެވެ.

"ވާއު.... ހޭންޑްސަމް" މުނީފާގެ އަޑަށް އެންމެން އެއްދިމާއަކަށް ނަޒަރު ހުއްޓައިލިއެވެ.

ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ރަޔާން ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން ރަޔާންގެ ފިރެހެންވަންތަކަން އިތުރުކޮށްދީފައި ވިއެވެ. ޔަލްވީ ހުރީ ކަޅިޖަހާވެސްނުލައި ރަޔާނަށް ބަލާށެވެ. އަބަދުވެސް އާދައިގެ ހެދުމެއްގައި ހުންނަ ރަޔާން މިއަދު މާ ޒުވާންވެފައި ތާޒާ ކަމަށް ދައްކައެވެ. އެފަދަ ހެދުމެއްގައި ރަޔާން ހީވަނީ ސަރުކާރުގެ އިސް ވަޒީރެއް ހެންނެވެ.

"ޔަލް ހާދަ ލަކީއޭ" ރަނާ ޔަލްވީގެ ކޮނޑުގައި ޖެހިގަތެވެ.

"ފަގީރަސް އޯކޭއެއްނު ރީތި ސިފައެއްގަ ހުރިއްޔާ!" މުނީފާގެ ނަޒަރު ރަޔާންގެ ހަށިގަނޑުން ވަކިނުވެއެވެ. "އަޅެ އަހަންނަށް ލިބޭނެނަމަ"

އެކުވެރިންގެ ވާހަކަތަކުން ޔަލްވީ ހުރީ ބޮލަށް އުނދަގޫވެފައެވެ. ރަޔާންއޭ ކިޔައިގެން ދައްކަމުންދިޔަ ވާހަކަތައް އަޑު އަހާކަށް ފަސޭހައެއް ނުވިއެވެ.

ރަޔާންގެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން، ކޮންމެވެސް މީހަކަށް ގުޅޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

"ޕްލީޒް، ޕްލީޒް އާންސާ.. ލިމް ޕްލީޒް" ފޯނުގެ އިސްކްރީނަށް ބަލަން ހުރެ ރަޔާން ބުނެލިއެވެ.

ލިމްޔާއަށް ގުޅަން ރަޔާން އެތައް މަސައްކަތެއް ކުރިއެވެ. އެތައް ފަހަރަކު ގުޅުމުންވެސް ލިމްޔާ ފޯނެއް ނުނެގިއެވެ. ކައިވެނި ކުރެވޭ ވަގުތު ހަފުލާއަށް އަންނާނެކަމަށް ލިމްޔާ އޮތީ ވައުދުވެފައެވެ. ގަޑިޖެހެން ކުޑަ ވަގުތުކޮޅަކަށް ވީއިރުވެސް ލިމްޔާގެ ހަބަރެއް ނުވެއެވެ. ރަޔާން ހާސްވީ ލިމްޔާއަށް ދެރަކަމެއް ވީކަމަށް ހީކޮށެވެ.

"މަންމާ! ލިމްގެ ހަބަރެއްވިތަ؟" ރަޒީނާ ފެނުމުން ރަޔާން ސުވާލުކުރިއެވެ.

"ނޫން، މަންމަ ނުދެކެން. ކިހިނެއްވީ؟ ލިމްޔާ އަދިވެސް ނާންނަނީތަ؟" ރަޒީނާވެސް ލިމްޔާ ފެނޭތޯ އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ.

"ލިމް ފޯނެއްވެސް ނުނަގާ" ރަޔާން ޖަވާބުދިނެވެ.

"ދަރިފުޅު ހާސްނުވޭ! ލިމްޔާ އަންނާނަމޭ ބުނެފިއްޔާ އަންނާނެ" ރަޒީނާ ޔަގީންކަމާއި އެކުގައި ބުނެލިއެވެ. "ދަރިފުޅު އެކަމާ ނުވިސްނާ! ދޭ އަވަހަށް މިހާރު ގާޒީ ވެސް އެއައީ. މަންމަ މި ގުޅަނީ އަމީރާއަށް...."

"ދެން ވެސް ދޭބަލަ މިތާ ނުހުރެ. ޕްރިންސް އެޔޮއް ވަޑައިގަންނަވަނީ" ތޫބާ ޔަލްވީގެ ގައިގައި ޖެހިގަތެވެ.

"އާނ، މަނަމަ އެންމެ ހިނދުކޮޅަކަށްވެސް ކައިރިން ދުރަށް ނުދިޔައީމުސް. ތިހާ ބޮޑު ނަސީބެއް ލިބުނީމަވެސް ފުރަގަސް ވިއްޔަ ތިދެނީ...." މުނީފާވެސް ތޫބާއާއި ބައިވެރިވިއެވެ.

"ސާބަސް ކަލޭމެން ދެމީހުންނަށް.." ރަނާ ހީގަތެވެ.

ރަޔާންގެ ފިރެހެންވަންތަކަން ފެނި ތޫބާގެ ހިތް ހަސަދައިން ފުރުނެވެ. ތޫބާގެ ހިޔާލީ ބައިވެރިޔާގެ ކިބައިގައި ހުންނަން ބޭނުންވާ ހުރިހާ ސިފައެއް ރަޔާންގެ ކިބައިގައި ފެންނަން ހުއްޓެވެ. ޔަލްވީގެ ބަދަލުގައި އެ ޖާގައިގައި ތޫބާ ހުރިނަމައޭ އޭނާގެ ހިތަށް އެރިއެވެ.

އަތްމަތި އަވަސްކޮށްލާފައި ނަފީސާ އުޅުނީ ކާމޭޒު ތައްޔާރުކުރުމުގެ ކަންތަކުގައެވެ. ތަށިތައް އެތުރުމުގެ ހުރިހާ ކަމެއް ދިޔައީ ނަފީސާގެ އިރުޝާދާއި އެއްގޮތަށެވެ. ކައިވެނި ކުރެވޭ މޭޒާއި ދިމާއަށް ހިނގައިގަތް ނަފީސާގެ ފިޔަވަޅުތައް ހުއްޓުނީ ބަޔަކު ދައްކަމުންދިޔަ ވާހަކައެއް އަޑު އިވުމުންނެވެ.

"ވަރަށް ސަޅިދޯ އެ އަންހެން ކުއްޖާ ލައިގެން ހުރި ހެދުން؟ ދެކުނިންތަ؟ ދެންމެ އެތާ ހުއްޓެއްނު" އެކަކު ބުނެލިއެވެ.

"އާނ.... ކަލޭމެން ފިރެހެނުންނަށް ރީތިވާނެ އެކަހަލަ ނިވާކަން ކުޑަ ހެދުން ލީމަ. މަށަކަށް އެއްވެސް ރީއްޗެއް ނޫން. ދެކުނިންތަ އެ ހެދުމުގެ ކަރު. ލޭސް ފޮތިކޮޅެއް ލީމަ ވަރިހަމަ ދޯ ގައި އެއްކޮށް ފެންނަން އޮތަސް. ގައިމު އެވެސް ބައެއްގެ ދަރިއެއްވިއްޔަ. އިސްލާމްދީނުގެ ރީތި ސިފަތައް ދަސްކޮށްނުދެވެންޏާ، ދަރިން ހޯދަނީ ކީއްކުރަންތަ؟" ކުރިން ވާހަކަ ދެއްކި މީހާގެ ވާހަކަ އަށް ރައްދު ދިނުމުގެ ގޮތުން އެހެން މީހަކު ބުންޏެވެ.

"އާން. އަހަރެންވެސް މިހިތަށް އަރަނީ ރަޔާން ކަހަލަ އަހުލާގު ރަނގަޅު ކުއްޖަކު ކީއްވެބާއޭ އެކަހަލަ އަންހެން ކުއްޖަކާ އިންނަން އެ އުޅެނީ. ގައިމު މިރަށުންވެސް ކުދިން ހުސްވީކީ ނޫން ވިއްޔަ. ކިޔާތީ އަޑު އަހަން އެ އަންހެން ކުއްޖާއަކީ ނިކަން ޒީލަގަދަ ކުއްޖެކޭ. ދެން މަށަކަށްވާ ނޭނގެ" އިތުރު މީހަކު ބުނެލިއެވެ.

އަމިއްލަ ދަރިފުޅާއި ބެހޭގޮތުން އެފަދަ ވާހަކައެއް ދައްކާ އަޑު އަހަން ނަފީސާއަކަށް ކެތެއް ނުވިއެވެ. ލަދުގަތެވެ. ނިމާލަށް އެ އަޑު އިވުނުނަމަ، ޒަމާން ދިޔައީއެވެ. ނަފީސާގެ މޫޑު ހަރާބުވިއެވެ. ޔަލްވީއަކީ ބުނާގޮތް ހަދާ ކުއްޖެއް ނޫނެވެ. ނިމާލަށް ހެދުން ފެންނަ ހިސާބުން ނަފީސާގެ ބޮލަށް އުނދަގޫވާވަރު ކުރާނެއެވެ.

"ކޮބާ ނަފީސާ، ޔަލްވީ ގޮވައިގެން އަވަހަށް އާދޭ..." ނަފީސާ ފެނުމުން ނިމާލު އެދުނެވެ.

"ނިމާލު! ޔަލްވީ... ހެދުން..." ނަފީސާ އުޅުނީ، ނިމާލަށް ފެނުމުގެ ކުރިން ޔަލްވީ ލައިގެން ހުރި ހެދުމުގެ ވާހަކަ ބުނާށެވެ.

"މިހާރު ތައްޔާރުވާހާއިރު ވެއްޖެ. އަވަހަށް ގޮސް ޔަލްވީ ގޮވައިގެން އާދޭ!" ގާޒީ ފެނުމުން، ނިމާލު ހިނގައިގަތީ މޭޒާއި ދިމާއަށެވެ.

(ނުނިމޭ)