ބަޖެޓް ސަޕޯޓުގެ ބައެއްގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގުމުގެ ހުއްދަ އަށް އެދި ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ނެގުމަށް މާލިއްޔަތު ކޮމެޓީން މީގެ ކުރިން ފާސްކުރި 65 މިލިއަން ޑޮލަރުގެ ލޯނު ނުނަގަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށާއި އޭގެ ބަދަލުގައި ބީއެމްއެލް އިން 300 މިލިއަން ރުފިޔާގެ ލޯނެއް ނެގުމަށް ސަރުކާރުން ކޮމެޓީގައި އެދިފައިވާ ކަމަށެވެ.

"ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތު އޮތް ގޮތުން ރައީސް ވަނީ ޖޫން 13 ވަނަ ދުވަހު މަޖިލީހަށް ސިޓީއަކުން ދަންނަވާފައި 65 މިލިއަން ޑޮލަރުގެ ބޭރުގެ ލޯނު ނުނަންގަވައި އޭގެ ބަދަލުގައި ޑޮމެސްޓިކް ލޯނެއްގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ބީއެމްއެލް އިން ނެގުމުގެ ހުއްދައަކަށް،" ނާޒިމް ވިދާޅުވި އެވެ.

ލޯނުގެ ބައެއް ތަފްސީލްތައް ކޮމެޓީ އަށް އިއްވަވަމުން ނާޒިމް ވިދާޅުވީ ބީއެމްއެލް އިން ނަގާ ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ލޯނު ބޭނުން ކުރަން ފަށާތާ 23 މަސް ދުވަހުގެ ތެރޭގައި ކަމަށާއި ލޯނު އަނބުރާ ދައްކައި ނިމޭ އިރު ލޯނުގެ ޖުމްލަ 384 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.

ބަޖެޓުގައި ނެތް ބޮޑު އަދަދެއްގެ ލޯނެއް ބީއެމްއެލް އިން ނެގުމަށް ސަރުކާރުން ހުށަހެޅުމުން ކޮމެޓީގައި ތިއްބެވި ގިނަ މެންބަރުން ވަނީ އެފަދަ ލޯނެއް ފާސްކުރަން ޖެހޭނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން ކަމަށް ވިދާޅުވެ އެ މައްސަލަ ފެންމަތިކުރައްވައިފަ އެވެ. މެންބަރުންގެ ހުށަހެޅުމުގެ މަތިން މުގައްރިރު ވަނީ އެ ލޯނުގެ މައްސަލައިގައި ކައުންސިލް ޖެނެރަލްގެ ލަފާގެ މަތިން އަމަލުކުރުމަށް ނިންމަވައިފަ އެވެ.

"އަޅުގަނޑުމެން ކައުންސިލް ޖެނެރަލްގެ ކިބައިން ސާފު ކުރަން ހުށަހަޅާނީ އެގޮތަށް ލޯނެއް ނެގުމަށް ހުށަހެޅުމުން ކޮމެޓީން އެކަން ފާސްކުރެވިދާނެތޯ ނޫނީ މުޅި މަޖިލީހުންތޯ ފާސްކުރަން ޖެހޭނީ،" ނާޒިމް ވިދާޅުވި އެވެ.

ބައެއް މެންބަރުން ވަނީ ޑޮމެސްޓިކް ލޯނުގެ ސަބަބުން ލޯނުގެ އިންޓަރެސްޓް ބޮޑުވާނެ ކަމަށް ވިދާޅުވެ އެ ލޯނާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

އެމްޑީޕީގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ އެވަރުގެ ލޯނެއް ދޫކުރެވޭނޭ ގާބިލްކަން ބީއެމްއެލްގައި ނުހުންނާނެ ކަމަށާއި ބީއެމްއެލް އިން ވެސް އެ ލޯނަށް ފައިސާ ހޯދާނީ ބޭރުގެ ކޮންމެވެސް ބޭންކެއްގެ އެހީގައި ކަމަށެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން އިންޓަރެސްޓް ރޭޓް 33 ޕަސެންޓަށް އަރާ ކަމަށެވެ.

"ނަމަވެސް ބޭރުން ލޯނެއް ނަގަންޏާ ފަސް ޕަސެންޓް ވަރު އިންޓަރެސްޓަށް އަރާނީ. އެހެންވާ އިރު ޑޮމެސްޓިކް ދައުލަތަށް ކިހާ ބޮޑު ގެއްލުމެއްތޯ މިވަނީ،" ޣަފޫރު ވިދާޅުވި އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ، ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.