ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކޮށް، އެ ތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުވާ ބިދޭސީ މީހަކު އިމިގްރޭޝަނަށް ހާޒިރުވާން އަންގައިފިއެވެ.

އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން އެވެ.

މީނާއާ ގުޅޭ ގޮތުން ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، އެއީ ގަވާއިދާ ޚިލާފަށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ. އަދި ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ޕާރުސަލް ވިއްކާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އިމިގްރޭޝަނުން ވަނީ އަރަފާތު ހޮސައިން އެ އިދާރާއަށް ހާޒިރުވުމަށް ފަސް ދުވަހުގެ ނޯޓިސްއެއް ދީ، އެ ކަން އާންމުކޮށްފައެވެ.

އަދި މީނާ އުޅޭ ތަނަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ،[email protected]v އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތާ ގުޅިގެން އިއްޔެ ހިންގި ރެއިޑެއްގައި މ. ރީތި އޯކިޑްގެ ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ ތަނުގައި ފޯއްކޮށައި، އޭގެ ވިޔަފާރިކުރަމުންދިޔައިރު، އެ ތަންހުރީ ވަރަށް ގޮނޑުކޮށެވެ.

ކާބޯތަކެއްޗާބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، މި ފަދަ ކަންކަން ހަރުދަނާ ގޮތެއްގައި ބަލައި، ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ ބުނެފައެވެ.