19 Aug 2024, 22:42
ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އާއި މަޔޯކާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
މަޔޯކާގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލް އިންނެވެ. ނަމަވެސް ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ހަމަލާ އުޅެނީ ދެޓީމުގެ ވެސް ހަމަހަމަކޮށެވެ.
މިދިޔަ ހަފުތާގައި އެޓަލާންޓާ ބަލިކޮށް ޔުއޭފާ ސުޕާ ކަޕް ކާމިޔާބު ކޮށްފައިވާ ރެއާލްއިން މިމެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑުވެސް ނަގައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮޑްރިގޯއެވެ.
މިމެޗުގައި ރެއާލް ޓީމުންވަނީ މިސީޒަނަށް އެޓީމަށް ގެންދިޔަ ފަރަންސޭސި ޤައުމީ ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭވެސް ފުރަތަމަ އެގާރައިގާ ހިމަނައިގެން ކުޅެފައެވެ. އަދި އެމްބާޕޭއަށްވަނީ ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބުނު ނަމަވެސް ލަނޑެއް ނުޖެހެއެވެ. މިއީ އެމްބާޕޭ ފަރަންސޭސިވިލާތުން ބޭރުގައި ލީގު މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.
މިމެޗުގައި މަޔޯކާ ކޮޅަށް މެޗުގެ ކުރީކޮޅު ލަނޑެއް ވަން ނަމަވެސް އެޓީމުންވަނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށް ރެއާލްއަށް ގިނަ މައްސަލަތަކެއް ކުރިމަތި ކުރުވާފައެވެ. އަދި ލިބޭ ފުރުސަތުތަކުގައި އެޓީމުން ހަމަލާ އުފެއްދޭތޯވެސް މަސައްކަތް ކޮށްފައިވެއެވެ. މިގޮތުން މެޗުގެ 53 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ވެދާތު މުރީގީވަނީ ލަނޑެއް ޖަހާ ރެއާލް ސިއްސުވާލާފައެވެ.
ރެއާލްއިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމަށް މިމެޗުގައި އެކަން ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. އަދި މިމެޗުގެ އިތުރު ވަގުތުގެ ހަތް ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑާ ފާލަންޑް މެންޑީއަށްވަނީ ރަތްކާޑެއްވެސް ދައްކާފައެވެ.