މޯލްޑިވްސް އިސްލާމިކް ބޭންކުގައި މީހަކު ހުޅުވާފައި އޮތް އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގެ، އަދަބެއްގެ ގޮތުން 115،5400 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކޮށްފައި ވަނީ ހއ. މޮޅަދޫ، މިސްރާބުގެ، ހަސަން ނާހިދުގެ މައްޗަށެވެ.

މި މައްސަލައިގައި ނާހިދުގެ މައްޗަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި 16 އަހަރުގެ ކުއްޖަކު އޭނާގެ ކާފަގެ އެކައުންޓުން ވަނީ ކާފައަށް ނޭނގި، އެކިފަހަރު މަތިން ނާހިދުގެ އެކައުންޓަށް ފައިސާ ފޮނުވާފައެވެ. އެގޮތުން އެކި ފަހަރުމަތިން 1.8 މިލިއަން ރުފިޔާ ފޮނުވާފައިވެއެވެ.

އެ ފައިސާ ފޮނުވާފައި ވަނީ ނާހިދުއާއި އޭނާގެ އަންހެނުންގެ އެކައުންޓަށްކަން ކްރިމިނަލް ކޯޓުގެ ހުކުމުން އެނގެއެވެ.

ނާހިދު ވަނީ އޭނާ އަމިއްލައަށް އެ ފައިސާ ބޭނުންކުރިކަމަށް ޝަރީއަތުގައި ބުނެފައެވެ. އަދި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކު ނުލާކަމަށް ވެސް ނާހިދު ބުނެފައިވެއެވެ.

އެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން ނާހިދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަދި ކުށުގެ އަދަބެއްގެ ގޮތުގައި ނާހިދުގެ މައްޗަށް ވަނީ 115،400 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ހުކުމްކޮށްފައެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186ވަނަ މާއްދާއަށް ރިއާޔަތްކޮށް މައްސަލައިގައި ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނިކޮށް، ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދު ވަނީ 113،800 ރުފިޔާއަށް ދަށްކޮށްފައެވެ.

ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ނާހިދުއާއި އޭނާގެ އަންހެނުންގެ އެކައުންޓުތަކަށް ފޮނުވި 1.8 މިލިއަން ރުފިޔާގެ ތެރެއިން 1.6 މިލިއަން ރުފިޔާ ފުލުހުން ވަނީ އަނބުރާ ހޯދައިފައެވެ.