25 Jun 2012, 12:08
ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން އެފަދަ އަނިޔާތައްކުރާ ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ފައްޓަވާފައިވާ ކެމްޕޭން "ޔުނައިޓް ޓް އިންޑް ވަޔަލެންސް އެގެއިންސްޓް ވޮމެން" އާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދޭން މިއަދު ފެށި ފޯރަމެއް ހުޅުއްވައި ދެއްވަމުން ދިޔާނާ ވިދާޅުވީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު އަންހެނުންނަށް އަނިޔާ ކުރުރުން ރާއްޖޭގައި މަދު ނަމަވެސް ރާއްޖޭގެ އާބާދީގެ ނިސްބަތުން އެއީ ހިނގަމުން އަންނަ، ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަނިޔާ ކުރާ ސަބަބުތައް ނުހޯދައި އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ދަތިވާނެ ކަމަށެވެ.
"އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން ވަނީ ވަކި ޖިންސަކަށް ނިސްބަތްކޮށް ކުރާ އަނިޔާ [ޖެންޑަ ބޭސްޑް ވަޔަލެންސް] ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުމަކީ ވެސް މުހިއްމު ކަމެއް ކަން، އެއީ އެކަމަށް މެދުވެރިވާ ސަބަބުތައް ނޭނގޭނަމަ އެ މައްސަލަތަކަށް ޖުމްލަ ގޮތެއްގައި އެޑްރެސް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ،" ދިޔާނާ ވިދާޅުވި އެވެ.
~
އެކަމަނާ އަދި ވިދާޅުވީ އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވަން ކުރާ މަސައްކަތުގައި ފަހަކަށް އައިސް ރާއްޖޭގައި ރަނގަޅު ކަންކަން ހިނގާފައިވާ ކަމަށާއި އެތައް ދުވަހެއް ވަންދެން ފާސް ނުވެ އޮތް ގެވެށި އަނިޔާގެ ބިލު ފާސްވުމަކީ ވެސް އެފަދަ ކަމެއް ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ ގާނޫނު ރަނގަޅަށް ހިންގުމަށް ވަރަށް އަވަހަށް ކުރަން ޖެހޭ ކަންތައްތައް ހުރި ކަމަށެވެ.
"ގާނޫނު ހިންގުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ގިނަ ދާއިރާތަކެއް އެބަހުރި. ގާނޫނު ހިންގާ ފަރާތްތަކާއި އަންހެނުންނާއި އާއްމުންގެ މެދުގައި ގާނޫނާ މެދު ހޭލުންތެރިކަން އުފެއްދުމާއި ހިދުމަތް ދޭ ފަރާތްތަކުގެ ގާބިލުކަން އިތުރު ކުރުން، މިހާރު ހުރި ގާނޫނުތައް އިސްލާހު ކުރުމާއި މޮނިޓަ ކުރުމުގެ މެކޭނިޒަމް ހަރުދަނާ ކުރުން ފަދަ ކަންތައްތައް އޭގެ ތެރޭގައި ހިމެނޭ،" ދިޔާނާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކަމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒާއި ރާއްޖޭގައި ހުންނަވާ އދ. ގެ ރެސިޑެންސް ކޯޑިނޭޓަރ އެންޑްރޫ ކޮކްސް ބައިވެރިވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.
ޖެންޑަ މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ރާއްޖޭގައި ހުންނަ އދ. ގެ އޮފީސް ބައިވެރިވެގެން ބާއްވާ ފޯރަމް ނިންމާލާނީ މިއަދު ހަވީރުއެވެ.