25 Jun 2012, 12:03
ދިވެހި ފުލުހުންގެ މުއައްސަސާ ކުރިއަރުވައި ހަރުދަނާކުރުމަށް އިންޑިޔާ އިން ފޯރުކޮށްދެވެން ހުރި އެހީތެރި ކަމާ ބެހޭ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އިންޑިއަން ހައިކޮމިޝަނާ މރ. ޑީއެމްމުލޭ އާއި އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ފުލުހުން ބުނީ އިއްޔެ މެންދުރު އިންޑިއަން ހައިކޮމިޝަނުގައި އޮތް ބައްދަލު ވުމުގައި އިންޑިއާ އާއި ރާއްޖެ އާ ދެމެދު ފުލުހުންގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމާއި ދިވެހި ފުލުހުންގެ މުއައްސަސާ ކުރިއަރުވައި ހަރުދަނާކުރުމަށް އިންޑިޔާ އިން ފޯރުކޮށްދެވެން ހުރި އެހީތެރި ކަމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި އިންޑިޔާ ސަރުކާރުން ދިވެހި ފުލުހުންނަށް ފޯރުކޮށްދީފައިވާ އަދި މިހާރު ވެސް ފޯރުކޮށްދެމުން އަންނަ ގިނަ ގުނަ އެހީތަކަށް ޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.
އަދި ދިވެހި ފުލުހުންނަށް އިންޑިޔާ އިން ފޯރުކޮށްދެވެން ހުރި ތަޢުލީމާއި ތަމްރީނު ފުރުސަތު ތަކާ ބެހޭ ގޮތުންނާއި ފުލުހުންގެ އިންފްރާ ސްޓްރަކްޗާ ހަރުދަނާކޮށް ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފުލުހުން ބުނެ އެވެ.