25 Jun 2012, 11:51
މުޖުތަމައުގައި އާންމުވެފައިވާ މާރާމާރީއާ މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވަން ސަލާމަތީ ބާރުތައް ނުކުތުމަށް ގޮވާލައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ. އެމްޑީޕީން މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ.
މައްސަލަ ހުށަހަޅުއްވަމުން ބޮންޑާ ވިދާޅުވީ ސިޔާސީ އެއްވުންތަކުގައި ފުލުހުން އަނިޔާ ކުރަމުނީ ރައްޔިތުންނަށް ކަމަށާއި ފުލުހުންގެ އެފަދަ އަމަލުތައް ހުއްޓުމަކަށް ގެނެސް، ގައުމު އަމާންތަނަކަށް ހެދުމަށް އިސްކަން ދިނުމަށް ގޮވާލައްވާ ކަމަށެވެ.
"ސިޔާސީ އެއްވުންތަކުގައި ރައްޔިތުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރަމުން ގެންދާ އަނިޔާ އާއި އެ ފަރާތްތަކުގެ މުދަލަށް ގޯނާ ކުރުން ހުއްޓާލުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ ގަދަރާއި ހައިބަތު ނަގަހައްޓައި ގައުމު އަމާންއަމާން ކަމަށް އިސްކަން ދިނުމަށް ގޮވާލައި ކުއްލި މައްސަލަ ހުށަހަޅަން،" ގަރާރު ހުށަހަޅުއްވަމުން ބޮންޑާ ވިދާޅުވި އެވެ.
ގަރާރުގެ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ މާރާމާރީ އާއި މަސްތުވާތަކެތި އާންމުވުމުގެ ޒިންމާ އުފުއްލަން ޖެހޭނީ ސަލާމަތީ ބާރުތަކުން ކަމަށެވެ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ ވެރިކަން ބަދަލުވުމަށްފަހު މުޖުތަމައުގައި އާންމުވެފައިވާ ކުށްތައް ހުއްޓުވަން ފުލުހުންނާއި ސިފައިން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށާއި ރައީސް ނަޝީދުގެ ސަރުކާރުގައި ފުލުހުން ސިޔާސީކޮށްފައިވާ ކަމަށް ބުނާއިރު، އަދިވެސް ސިޔާސީ ކަންތައްތަކުގެ ތެރެއިން ފުލުހުން މިންޖު ނުވާ ކަމަށެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ މާރާމާރީ ހިންގުން ގިނަ ވެގެންދަނީ ޖަލުތަކުން ކުށްވެރިން މުޖުތަމައު ތެރެއަށް ދޫވެގެންދިއުމުން ކަމަށާއި އެ މީހުން އަބުރާ ޖަލުތަކަށް ނުގެންދެވޭ ކަމުގައިވާނަމަ ކުށް ކުރުން ނުހުއްޓުވޭނެ ކަމަށެވެ.
ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ ކުށްތައް ހުއްޓުވުމަށް މުއައްސަސާތައް ނުކުޅެދިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލިޒަމްގެ އިންތައް ފަހަނައަޅައި ރޯ މާދުވާލު ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށާއި އަހްލާގީ މިންގަނޑެއް ވެސް ފުލުހުންގެ ނެތް ކަމަށެވެ.
ފުލުހުންގެ ޒިންމާދާރު ކުރުވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މަސައްކަތްޕުޅު ކުރެއްވުމަށް ގޮވާލައްވަމުން އަލްހާން ވިދާޅުވީ ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރަމުންދާ މީހުނާމެދު ހަރުކަށި ފިޔަވަޅު އެޅަންޖެހޭނެ ކަމަށެވެ.
މެންބަރުންގެ ހޫނު ބަހުސްތަކަށްފަހު، ގަރާރަށް ވާހަކަފުޅު ދައްކަވަން ތިއްބެވި ހުރިހާ މެންބަރުން ފުރުސަތު ދިނުމަށް މިއަދު ވަނީ ފާސްކޮށްފަ އެވެ. ވާހަކަފުޅު ދައްކަވަން ތިއްބެވި ހުރިހާ މެންބަރުންނަށް ފުރުސަތު ދިނުމަށް ނެގި ވޯޓް، 26 ވޯޓުން އެއްވަރުވުމުން، އެވަގުތު ރިޔާސަތުގައި އިންނެވި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު (އަލިބެ) ވޯޓް ދެއްވީ ގަރާރަށް އެދިވަޑައިގެންތިއްބެވި ހުރިހާ މެންބަރުންނަށް ފުރުސަތު ދެއްވުމަށެވެ.