މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ޗައިނާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެގައުމުގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ފްލިގީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ވިލާ ނޯޓިކާ ރިސޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. ފްލިގީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ޓޮންގް ޓެންގްއެވެ.

އެމްއެމްޕީއާރުސީން ބުނީ، ފްލިގީއާއެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖެއަކީ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު، ފްލިގީގެ ޕާޓްނާޝިޕަށްޓަކައި، އަދި ހުރިހާ ސްޓޭކްހޯލްޑަރުންނަށް ޝުކުރު ދަންނަވަން. ޝައްކެއްނެތް ގޮތުގައި، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކާމިޔާބު އަހަރަކަށް މިއަހަރު ވެގެންދާނެ،" ޝިއުރީ ވިދާޅުވިއެވެ.

ޗައިނާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ޑެސްޓިނޭޝަން ޕްރެޒެންސް ވަރުގަދަކުރުމަށް ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ފްލިގީއާ އެކީ އެމްއޯޔޫ އެއްގައި ސޮއިކޮށްފި--- ފޮޓޯ/ އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީން ބުނީ މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރެވުމުގެ އިތުރުން، ޗުއްޓީ ހޭދަކުރަން ހިތްގައިމު ގުދުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، މުހިންމު މާކެޓެއްގެ ގޮތުގައި ރާއްޖޭގެ މާކެޓް ޕޮޒިޝަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ވިލާ ރިސޯޓްސްއާ ގުޅިގެން ވިޒިޓް މޯލްޑިވްސްއިން ބޭއްވި މި ރަސްމިއްޔާތުގެ ސަބަބުން، ރާއްޖެއަކީ މީޓިންސް، އިންސެންޓިވްސް، ކޮންފަރެންސެސް އެންޑް އެގްޒިބިޝަންސް (މައިސް) ފަތުރުވެރިކަމަށް ވެސް ފުރުސަތުތަކެއް ހުރި މަންޒިލެއްކަން އެނގޭނެ ކަމަށާއި އެގޮތުން ވިޔަފާރި ބައްދަލުވުންތަކާއި ކޮންފަރެންސްތަކާއި ހަފުލާތައް ބޭއްވުމަށް އެންމެ ފުރިހަމަ މަންޒިލްގެ ގޮތުގައި ރާއްޖެ ދުނިޔެއަށް ދައްކާލެވޭނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

"ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ޗައިނާ ރައްޔިތުންގެ ހިތުގައި ރާއްޖެއާ މެދު އޮތް ލޯތްބަށް ޝުކުރު އަދާކުރަން. މި ޕާޓްނާޝިޕަކީ މި ގުޅުން ހަރުދަނާކޮށް، ބިނާކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވިއެވެ.

ޗައިނާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ޑެސްޓިނޭޝަން ޕްރެޒެންސް ވަރުގަދަކުރުމަށް ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ފްލިގީއާ އެކީ އެމްއޯޔޫ އެއްގައި ސޮއިކޮށްފި--- ފޮޓޯ/ އެމްއެމްޕީއާރުސީ

އެމްއެމްޕީއާރްސީން ދަނީ ދުނިޔޭގެ މުހިންމު ފަތުރުވެރިކަމުގެ މާކެޓުތަކުގައި ރާއްޖޭއާ މެދު ޝައުގުވެރިކަން ދެމެހެއްޓުމަށާއި މަގުބޫލުކަން އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކާއި، ޕާޓްނަރުންނާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާއިރު، މިއަހަރުގެ މިހާތަނަށް އެގައުމުން 184،632 ފަތުރުވެރިން އައިސްފައިވެއެވެ.