25 Jun 2012, 10:56
މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ ގޮތުން ރާއްޖޭގެ މީޑިޔާތަކާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޓެލެތޯނު ފަންޑަށް މިއަދުގެ ނިޔަލަށް 10 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކު މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ މިއަދުގެ މިހާތަނަށް 10 މިލިއަން ރުފިޔާ ލިބިފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެއްވެސް ފަރާތަކުން އެހީ ދޭން ބޭނުންނަމަ އެ ފުރުސަތު ހުޅުވާލާފައި ބާއްވާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ މިހާތަނަށް 40 މިސްކިތަކުން މަރާމާތަށް އެދިފައިވާ ކަމަށާއި އޭގެތެރެއިން 17 މިސްކިތެއްގެ މަރާމާތައް ފައިސާ ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. މިސްކިތްތަކުގެ މަރާމާތު ފައިސާއަށް އެކި ރަށްރަށުން އެދޭ އިރު މިސްކިތްތަކަށް ފައިސާ ދޫކުރާނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް އެސްޓިމޭޓް ހުށައަޅާ ކައުންސިލްތަކަށް ކަމަށާއި އެނޫން ގޮތަށް ހުށައަޅާފައިވާ ހުށައެޅުންތައް އަލުން ހުށައަޅަން އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހީއަށް އެދި ރިކުއެސްޓްތައް އަންނަ އިރު މާލިއްޔަތު ގަނޫނޫއި އެއްގޮތަކަށް ނޫން ހުށައަޅާފައި އޮންނަނީ. އެހެންވީމަ މިޖެހެނީ އިސްލާހު ކުރަން. މާލިއްޔަތު ގާނޫނައި އެއްގޮތަށް އެހީއަށް އެދި ހުށައެޅި 17 ވަރަކަށް މިސްކިތަށް އެހީ ދިނުމަށް ނިންމާ ބައެއް މިސްކިތްކުގެ މަރާމާތަށް ފައިސާ ޖަމާކޮށްދީފައި ވާނެ،" ޝަހީމް ވިދާޅުވި އެވެ.
މިސްކިތްތަކަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މީޑިއާ ކެމްޕެއިން ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ބާއްވާއިރު މިހާތަނަށް ލިބިފައިވާ ފައިސާގެ އަދަދު އިއުލާންކުރާނެ ކަމަށް އިސްލާމިކު މިނިސްޓްރީން ވަނީ ބުނެފަ އެވެ.