ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު ތިން ވަނަ މެޗް ކާމިޔާބުކޮށް އެސްޓިއޯގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓްގައި ރޭ ކުޅުނު މިމެޗް އެސްޓިއޯއިން ކާމިޔާބު ކުރީ އެމްއެސްހެލްޕިން ހޭންޑާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ސެޓްތައް އެސްޓީއޯ އިން ކާމިޔާބު ކޮށްފައި ވަނީ 25-9، 25-7 އަދި 25-15 އިންނެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެސްޓިއޯ ޓީމުގެ އައިޝަތު ނާޒިމާ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ ހަތަރު ވަނަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ޕޮލިސް ކުލަބާއި މާބައިދޫ ޒުވާނުންގެ ގުޅުމެވެ. މެޗް ފަށާނީ ހަވީރު 4:45 ގަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން، ޖުމްލަ ހަތް ޓީމް ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮންމެ ގުރޫޕަކުން ވެސް އެއް ވަނަ ހޯދާ ދެ ޓީމެއް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ކުރިމަތިލާނީ ދެ ގުރޫޕްގެ އެއް ވަނަ އެވެ. ސެމީގެ ދެވަނަ ޖާގަ ލިބޭނީ ގުރޫޕް އޭގެ ދެވަނަ އާއި ގުރޫޕް ބީގެ ތިން ވަނަ ޓީމު ކުޅޭ އެލިމިނޭޝަން މެޗާއި ގުރޫޕް ބީގެ ދެވަނަ އާއި ގުރޫޕް އޭގެ ތިން ވަނަ ޓީމު ކުޅޭ އެލިމިނޭޝަން މެޗުން މޮޅުވާ ދެ ޓީމަށެވެ. ދެވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމު އަތުން ތިން ވަނަ ސެމީގައި ވާދަކޮށް މޮޅުވެގެންނެވެ.

މުބާރާތުގެ ގްރޫޕް އޭ ފަޅީގައި ހިމެނޭ ޓީމްތަކަކީ ޕޮލިހާއި އޯޝަން ކުލަބާއި އަމިކާ ސްޕޯޓްސް ކުލަބް އަދި މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި އެމްއެސް ހެލްޕިން ހޭންޑް އަދި ކްލަބް ޕޯލް ސްޓާ އެވެ.