18 Aug 2024, 12:59
ގަސްދުގައި ޓެކްސް ދެއްކުމުގައި މަކަރު ހަދާ ކަމަށް ތުހުމަތުކުރެވޭތީ، ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކާ "މައި ކެމިސްޓް"ގެ ވެރިޔާ ހުސެއިން އިރުފާންގެ މައްޗަށް ދައުވާކޮށްދޭން އެދި މީރާ އިން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.
މިކަމާ ގުޅިގެން މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މައި ކެމިސްޓްގެ ވެރިޔާ ހުސައިން އިރުފާން، ގަސްތުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ މީރާއިން ތަހުގީގުކޮށްފައިވާ ކަަމަށެވެ.
އެ ތަހުގީގަށް އެނގުނު ގޮތުގައި އެ މައްސަލައަކީ ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހިމަނާފައިވާކަމަށް ތުހުމަތުކުރެވިފައިވެއެވެ.
އަދި އެ ކަން ކޮށްފައިވަނީ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭތީ މީރާއިން އެކަން ތަހުގީގުކުރަން ފެށީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިހާރު އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް މީރާއިން ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި ހުސައިން އިރުފާނަކީ ރާއްޖޭގައި ޑޮކްޓަރީ ބޭސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ފަރާތެކެވެ. އަދި އެ ފަރާތުގެ ހޯލްސޭލް ވިޔަފާރިކަމުގައިވާ "މައި ކެމިސްޓް ގޯޑައުން" އާ ގުޅޭ އާމްދަނީ އެއްވެސް ވަރަކަށް އެ ފަރާތުން 2018، 2019 އަދި 2020 ވަނަ އަހަރަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި ހިމަނާފައިނުވާކަން ތަހުގީގަށް ފާހަގަވެފައިވާކަމަށް ވަނީ ބުނެފައެވެ.
އެގޮތުން އެ ފަރާތުން އެވްރެޖްކޮށް އަހަރަކު 53 މިލިއަން ރުފިޔާގެ އާމްދަނީ މީރާއަށް ރިޕޯޓުކޮށްފައިނުވާ ކަމަށް މީރާއިން ބުންޏެވެ.
މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށްގެންދިޔަ އޮޑިޓްތަކުގައި 12 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅާ އެ ޓެކްސް މީރާއަށް ދައްކަން އެ ފަރާތަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްތުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ.
މީރާއިން ބުނި ގޮތުގައި ޓެކުހާ ގުޅުންހުރި ކުށްތައް ކުރަމުންދާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށްޓަކައި މީރާއިން ޖިނާއީ ތަހުގީގުތައް ކުރަމުން ގެންދާ ކަމަށެވެ.
އަދި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި މީރާއިން ޓެކްސް ދައްކާ ފަރާތްތަކުގެ ވިޔަފާރި ހަރަކާތްތަކާއި ވިޔަފާރިއާ ގުޅޭ ލިޔެކިޔުން ބަލަހައްޓާ ތަންތަން ބަލާ ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށް މީހުން ހާޒިރުކޮށް ބަޔާން ނެގުމަކީ ވެސް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުން މީރާއަށް ލިބިދީފައިވާ ބާރުތަކެއް ކަމަށް ބުންޏެވެ.
ހަމައެއާއެކު އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ޝައްކު ކުރެވޭނަމަ އެ މައުލޫމާތު މީރާއާ ހިއްސާކުރުމަށް "މީރާ 918 - މައްސަލަ ހުށަހަޅާ ފޯމު"މީރާގެ ވެބްސައިޓްމެދުވެރިކޮށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.