ކައިވެނި ކުރާނެ ކަމަށް ބުނެ ސްވިޒަލެންޑްގެ އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ދިވެއްސެއްގެ މައްޗަށް އެފައިސާ ހަވާލު ކުރަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކޯޓުން މި ހުކުމް ކުރީ އިބްރާހިމް އަލީ، ދަފްތަރު ނަމްބަރު 2370ގެ މައްޗަށެވެ.

ހުކުމުގައި ބުނަނީ އެ ފައިސާ އަކީ ސައްހަ މުއާމަލާތެއްގެ ދަށުން އިބްރާހިމް އަލީ އަށް ލިބެން ޖެހޭ ފައިސާއެއް ޝަރީއަތުގައި އޭނާއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ސްވިޒަލޭންޑްގެ އުރުސުލާ ސުނާނާއާ ކައިވެނި ކުރާނެ ކަމަށް ބުނެ އިބްރާހިމް އަލީ އުރުސުލާ އަތުން 58800 ޔޫއެސް ޑޮލަރާއި 7000 ޔޫރޯ އަދި 52،196.95 2 ސްވިސް ފްރެންކް ނަގާފައި ވެއެވެ.

ހުކުމް ކުރީ ހުރިހާ ފައިސާއަކާއި ފައިސާ ވެސްޓަން ޔޫނިއަން ޓްރާންސްފާ ކުރުމަށް ހިނގި ހަރަދަށްވާ 2،420 ސްވިސް ފްރެންކާއި ގާނޫނީ ވަކީލުގެ ފީއަށް ވާ 1،500ރ. ހަ މަސް ދުވަހުގެ ތެރޭގައި ދައްކާށެވެ.