18 Aug 2024, 10:24
މާލޭގެ ދެ ސަރަހައްދަކުން ގަވާއިދާ ޚިލާފަށް އުޅޭ 22 ބިދޭސީއަކު އަނެއްކާ ވެސް އަތުލައިގަނެފިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، އެ މީހުން ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަން އިމިގްރޭޝަނުން އަންނަނީ ފުޅާ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން އިއްޔެ ހެނދުނު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ އޮޕަރޭޝަންގެ ދަށުން ގ. ހީނާމާގެ ޕާކިން ސަރަހައްދުން ބަލައި ފާސްކުރި ބިދޭސީންގެ ތެރެއިން، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން، މާފަންނު ސަރަހައްދުގައި ބިދޭސީން ދިރިއުޅެމުންދާ އެކަމޮޑޭޝަން ބްލޮކެއްގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލުން ހިއްސާކުރުމާއެކު، އެ ތަން ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެއާއެކު އެ ތަނުން ވެސް ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައިވެއެވެ.
ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން އަންނަ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަނުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 2،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ.
އަދި، ގިނަ އަދަދެއްގެ މީހުން މިހާރު ވެސް އިމިގްރޭޝަންސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
ގަވާއިދާ ޚިލާފަށް މަސައްކަތްކޮށްގެން އަތުލައިގެންފައި ތިބި ހުރިހާ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.
އެ މީހުންނަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރަން 'އިމިގްރޭޝަން ވޮޗު'ގެ ނަމުގައި ޕޯޓަލެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. އެ ޕޯޓަލް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ބެހޭ މައުލޫމާތު ކާކުކަން ނޭނގޭ ގޮތަށް ވެސް އިމިގްރޭޝަނާ ހިއްސާކުރެވޭނެއެވެ.