18 Aug 2024, 10:13
މަސްތުވާތަކެތީގެ މައްސަލައެއްގައި އައިޖީއެމްއެޗުގެ ނަރުހެއްގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަމުންދާއިރު، މިހާރު އެ ނަރުސް ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނީ އައިޖީއެމްއެޗުން ހުށަހެޅުމުންނެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މައުލޫމާތުދެމުން ބުނީ، ސަސްޕެންޑުކޮށްފައި ވަނީ އަންހެން ނަރުހެއް ކަމަށެވެ.
އަދި އެ ނަރުހަކީ މީގެ ކުރިން ވޯޑު އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރި ސްޓާފެއް ކަމަށް މައުލޫމާތު ދިނެވެ. އެހެން ނަމަވެސް ވަޒީފާގެ ފެންވަރަށް ބެލުމަށްފަހު މީގެ ދެ މަސްކުރިން އޭނާގެ މަގާމު ބަދަލުކޮށް، ވޯޑު އިންޗާޖުކަން އޭނާގެ އަތުން ނަގާފައިވާ ކަމަށް ބުންޏެވެ.
އަދި މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިހާރު އެ ނަރުސް ސަސްޕެންޑުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ "ސަން"އަށް ބުނީ އެ މައްސަލަ ހުށަހަޅާފައި ވަނީ މީގެ ދެ ހަފުތާ ކުރިން ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަނީ ނަރުހަކު މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގައި އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، ކޮންމެ އަހަރަކު ވެސް މަސްތުވާތަކެއްޗާ ގުޅުންހުރި ގިނަ މައްސަލަތަކެއް ފުލުހުން ބަލައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފުލުހަށް މަސްތުވާތަކެއްޗާ ގުޅުންހުރި 1،750 މައްސަލަ ހުށަހަޅައިފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،010 މައްސަލައެއް ހުށަހަޅައިފައިވެއެވެ.