"އިންޓަ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް 2024"ގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ޗައިނާއަށް ރޭ ފުރާވަޑައިގެންފިއެވެ.

މިއީ މަޖިލިސް ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ބައިނަލްއަގްވާމީ ސެމިނާއެވެ.

މި ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަންނަވައެވެ.

މި ތިން މެންބަރުންނަކީ ވެސް އަބްދުއްރަހީމް ނިސްބަތްވާ، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެންބަރުންނެވެ.

މި ސެމިނާއަކީ، އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އާއި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ ސެމިނާއެކެވެ. އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން މި ސެމިނާގައި ބައިވެރިވާނެއެވެ.

މި ސެމިނާގައި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި މަޝްވަރާތައް ކުރެވޭނެއެވެ. މީގެ އިތުރުން ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް އައިޕީޔޫގެ ދަށަށް ގެންދިޔަތާ 40 އަހަރު ފުރުން ފާހަގަކުރުން ވެސް މި ސެމިނާގައި އޮންނާނެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން ވެސް ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެންފައެވެ.

ނަމަވެސް މިއީ ރައީސްގެ އެންމެ އަރިސް ބޭފުޅެއް ކަމަށްވާ އަބްދުއްރަހީމް ޗައިނާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މި ސަރުކާރުން ވެރިކަމަށް އައިއިރު ރައީސް މުއިއްޒު ލޭބަލްވެފައި އޮތީ 'ޕްރޯ ޗައިނާ' ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ރައީސް ވަނީ އެ މަނިކުފާނަކީ 'ޕްރޯ މޯލްޑިވްސް' ކެންޑިޑޭޓެއް ކަމަށް ވިދާޅުވެފައެވެ.