އެންމެ ފަހުގެ ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔާ ލެވަކޫސެންއިން ޖާމަން ސުޕާ ކަޕް ކާމިޔާބު ކޮށްފިއެވެ.

ޖަރުމަނުވިލާތުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ބުންޑެސްލީގާގެ ޗެމްޕިއަނުންނާއި ޑީއެފްބީ ޕޮކާލް ނުވަތަ ޖާމަން ކަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި މެޗު ލެވަކޫސެންއިން ކާމިޔާބު ކޮށްފައިވަނީ ބުންޑެސްލީގާގެ ދެވަނަ ޓީމު, ވީއެފްބީ ސުޓުޓްގާޓު އާ ބައްދަލުކޮށެވެ.

މި މެޗުގައި ލީގުގެ ދެވަނަ ޓީމަށް ފުރުސަތު ލިބިގެންދިޔައީ މިދިޔަ ސީޒަންގެ ޖާމަން ކަޕް ވެސް ކާމިޔާބު ކޮށްފައިވަނީ ލެވަކޫސެންކަމުންނެވެ.

ލެވަކޫސެންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ތިން ލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ސުޓުޓްގާޓްއިން ބޯޅަ ގެންގުޅުނުއިރު ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ހަމަހަމަ ކޮށެެވެ. މިދިޔަ ސީޒަންގައި އެއްވެސް މެޗަކުން ބަލިނުވެ 51 މެޗު ހަމަކުރި ލެވަކޫސެން މި ފަހަރު ސީޒަންގެ ފުރަތަމަ މެޗުން ބަލިނުވެ ސަލާމަތްވީ ކިރިޔާއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ލެވަކޫސެންއެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިކްޓާ ބޮނިފޭސްއެވެ. ނަމަވެސް ލެވަކޫސެންއަށް މި ލީޑު ދެމެހެއްޓޭގޮތްވީ ހަތަރު މިނެޓް ވަންދެނެވެ. މިގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ސުޓުޓްގާޓްގެ އެންޒޯ މިލޮޓް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި މެޗުގައި ލެވަކޫސެންއަށް މައްސަލަތަކާ ކުރިމަތިވެގެންދިޔައީ މެޗުގެ 37 ވަނަ މިނެޓުގައެވެ. އެއީ އެ ޓީމާ މި ސީޒަންގައި އަލަށް ގުޅުނު މާޓިން ޓެރިއާ ކުރި ނުރައްކާ ތެރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދެއްކުމުންނެވެ. މިއާއެކު މެޗުގެ ބާކީ އޮތް ބައި އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

ސުޓުޓްގާޓްއިން މެޗުގެ 63 ވަނަ މިނެޓުގައި ޑެނިސް އުންޑާވް ލަނޑެއް ޖަހާ މެޗުގެ ލީޑު އެ ޓީމަށް ނަގާދިނުމާއެކު މި މެޗުން ލެވަކޫސެން ބަލިވެދާނެކަމުގެ އިހްސާސް ކުރެވިގެންދިޔައެވެ. ނަމަވެސް ލެވަކޫސެންއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޕެޓްރިކް ޝިކް ލަނޑެއް ޖަހާ މެޗު ޕެނަލްޓީއަށް ގެންދިއުމެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި ލެވަކޫސެންއިން ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބު ކުރިއިރު ސުޓުޓްގާޓްއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީއެވެ. އެ ޓީމުގެ ފްރާންސް ކްރަޓްޒިގް އާއި ސިލާސް ޖެހި ދެ ޕެނަލްޓީ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިއީ ލެވަކޫސެންއަށް ޖާމަން ސުޕާ ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. މީގެކުރިން 1993 ވަނަ އަހަރުގެ ސުޕާ ކަޕްގައި ލެވަކޫސެން ވާދަކުރި ނަމަވެސް އެ ފަހަރު އެ ޓީމު ވަނީ ބަލިވެފައެވެ. އަދި މިއީ 2011 ވަނަ އަހަރަށް ފަހު ބަޔޭން މިޔުނިކް ނެތި ކުޅުނު ފުރަތަމަ ސުޕާ ކަޕެވެ.