18 Aug 2024, 13:29
އިޓާލިއަން ސެރީއާގައި އޭސީ މިލާން އާއި ޓޮރީނޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
މިލާންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާން އިންނެވެ.
ނަމަވެސް ޓޮރީނޯއިން މިމެޗުގައި ޑިފެންސް ކުރިލެއް ވަރުގަދަ ކަމުން މިލާންއަށް ގިނަ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހުނެވެ. އަދި ޓޮރީނޯއިންވަނީ ޑިފެންޑް ކުރުމާއެކު ލިބޭ ފުރުސަތު ތަކުގައި ހަމަލާ ވެސް އުފައްދާފައެވެ.
މިގޮތުން މެޗުގެ 30 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި މިލާންގެ ކުޅުންތެރިން ބޯޅަ ކްލިއާ ކުރަން އުޅުމުގެ ތެރޭގައި އެ ޓީމުގެ ޑިފެންޑާ މަލިކް ތިއާއު އަތުން ވަނީ ބައިކޮޅަށް ބޯޅަ ވަދެ ޓޮރީނޯއަށް މެޗުގެ ލީޑު ލިބިގެން ގޮސްފައެވެ.
ފުރަތަމަ ހާފުގައި މިލާންގެ ފަރައެލް ލިއާއުއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ ޓޮރީނޯގެ ކީޕާ ވަންޔާ މިލިންކޮވިޗް ސެވިޗް ދިފާއު ކޮށްފައެވެ.
މިމެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި އެއްގޮތް ކުޅުމެކެވެ. އަދި މިގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ޓޮރީނޯއިން އުފެއްދި ހަމަލާއެއްގައި އެ ޓީމުންވަނީ ލަނޑެއް ޖަހާފައެެވެ.
މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ޑުވާން ޒަޕާޓާއެވެ. މި ލަނޑާއެކު މި މެޗުން މިލާން ބަލިވެދާނެކަމަށް ހީވެގެންދިޔައެވެ. ނަމަވެސް މިލާންއިން ހިތްވަރު އެލުވާނުލާ މަސައްކަތް ކުރަމުންދިއުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް އެ ޓީމާ އަލަށް ގުޅުނު ތަޖްރިބާކާރު ފޯވަޑް އަލްވާރޯ މޮރާޓާ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމެވެ.
އަދި މިލާންއިން މި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ އިތުުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ނޮއާ އޮކަފޯ ޖަހައިދިން ލަނޑުންނެވެ.
މި މުބާރާތުގައި އެންޕޯލީ އާއި މޮންޒާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މި މުބާރާތުގައި މިހާތަނަށް ހަތަރު މެޗު ކުޅެވުނު އިރު މި ހަތަރު މެޗު ވެސް ނިމިފައިވަނީ އެއްވަރު ވެގެންނެވެ.